ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ އިތުބާރު ހިފޭ ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސް އިން ރާއްޖޭގެ ރޭޓިން "ސީސީ" އަށް ދަށްކޮށްފިއެވެ.

މިއީ މި އަހަރުގެ ތެރޭގައި ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރި ދެވަނަ ފަހަރެވެ. މިދިޔަ ޖޫން މަހު ފިޗް އިން ވަނީ ރާއްޖެއަށް ދީފައިވާ "ބީ މައިނަސް" ގެ ރޭޓިން "ސީސީސީ ޕްލަސް" އަށް ދަށްކޮށްފައެވެ.

ރާއްޖޭގެ ރޭޓިން މުރާޖައާކުރުމަށް ފަހު ފިޗުން މިއަދު އާންމުކުރި ލިޔުމުގައި ބުނީ ރާއްޖޭގެ ފޮރިން ރިޒާވް މިފަހުން ދަށްވެ، ދަރަނި ނުދެއްކި ޑީފޯލްޓްވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

އެގޮތުން މިދިޔަ މެއި މަހު 494 މިލިއަން ޑޮލަރުގައި ހުރި ބޭރު ފައިސާގެ ރިޒާވް، ޖުލައި މަހާ ހަމައަށް 395 މިލިއަން ޑޮލަރަށް ދަށްވެފައިވާ އިރު، އެއީ ގާތްގަނޑަކަށް 20 ޕަސެންޓުގެ ދަށްވުމެއް ކަމަށް ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. އަދި މިއީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހަށްފަހު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވު އެންމެ ދަށްވި ފަހަރު ކަމަށްވެސް ބުނެފައިވެއެވެ.

ފިޗުން ބުނީ، މި އަހަރުގެ ފަހު ކުއާޓަރުގައި އަދާކުރަންޖެހޭ 50 މިލިއަން ޑޮލަރުގެ ބޭރު ދަރަންޏެއް އެބަ އޮތް ކަމަށާއި އޭގެ އިތުރުން 64 މިލިއަން ޑޮލަރުގެ ޕަބްލިކް ގެރެންޓީ އެއްވެސް އެބަ އޮތް ކަމަށެވެ.

އެ ދަރަނި އަދާކުރުމަށް ބޭނުންކުރެވޭ ރިޒާވުގައި ހުރި ފައިސާ ނުހިމަނައި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު (އެސްޑީއެފް) ގައި ހުރި 65 މިލިއަން ޑޮލަރު ބޭނުން ކުރެވިދާނެ ކަމަށް ބުނެފައިވެއެވެ.

ފިޗުން އިތުރަށް ބުނީ، ރާއްޖޭގެ ބޭރުގެ ދަރަނި އަންނަ އަހަރު ނިމޭއިރު 557 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭ އިރު، 2026 ވަނަ އަހަރު އެ އަދަދު އެއް ބިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ. އަދި 500 މިލިއަން ޑޮލަރުގެ ސުކޫކު ވެސް ހިމެނޭ ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

އެ އެޖެންސީން ބުނީ، ޓޫރިޒަމާ ގުޅުން ހުރި ދާއިރާތަކުން ބޭރު ފައިސާ ހޯދުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅަން ނިންމާފައި އޮތް ނަމަވެސް 2026 ނިމޭއިރު ދައްކަންޖެހޭ ލޯނު ދެއްކުމަށް 200 މިލިއަން ޑޮލަރު ހޯދުމަށް ގޮންޖެހުންތަކެއް ހުންނާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ފިޗުން ވަނީ ސަރުކާރުގެ މަޝްރޫއުތަކަށް ކުރާ ހޭދަ މަތިވުމާއި ކާބޯތަކެއްޗާއި ތެލާއި އެހެނިހެން ތަކެތި އިމްޕޯޓްގެ މައްޗަށް ބަރޯސާވެފައި އޮތުމުން ކުރު މުއްދަތާއި މެދު ރާސްތާއާ ދެމެދު ރާއްޖޭގެ ކަރަންޓު އެކައުންޓް ޑެފިސިޓު ވަރަށް ބޮޑުވާނެކަން ފާހަގަކޮށް ބޭރު ފައިސާ ލިބުމުގައި އޮތް ދަތިކަން އިތުރުވުމަކީ ވެސް އޮތް ގޮންޖެހުމެއް ކަމަށް ބުނެފައެވެ.

ފިޗްގެ ރިޕޯޓްގައި މިހާރުގެ މާލީ ހާލަތު ބަދަލުކުރުމަށް ރާއްޖެއަށް ކުރެވިދާނެ ކަންކަން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން ދޭދޭ ގައުމުތަކާ އެކު ކަރަންސީ ސްވޮޕް އެރޭންޖްމަންޓްސް ހެދުމަކީ ވެސް ބޭރުގެ މާލީއެހީ ރާއްޖެއަށް ލިބުމަށް މަގުފަހިވާނެ ކަމެއް ކަމަށާއި އޭގެ އިތުރުން ސަރުކާރުން ފިސްކަލް ސްޓްރެޓަޖީއެއް އެކުލަވައިލައި ފުރިހަމައަށް ތަންފީޒު ކުރެވިއްޖެ ނަމަ، މެދު ރާސްތާގައި ބޭރުގެ މާލީ އެހީ ލިބުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ބުނެފައިވެއެވެ.