ފުވައްމުލަކު ސިޓީގައި ދަނޑުވެރިކަމުގެ ގައުމީ ލެބޯޓަރީއެއް ގާއިމުކުރުމަށް ނިންމައި، އެކަމާ ގުޅޭ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

އެގްރިކަލްޗާ މިިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ލެބޯޓަރީ ހަދަން ހަވަލުކުރީ ވެންޒާ ޕްރިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެގްރިކަލްޗާ މިނިސްޓަރު ޑރ. އާއިޝަތު ރަމީލާ އާއި ވެންޒާގެ މެނޭޖިން ޑިރެކްޓަރު އަބްދުالله ހާނިސް މޫސާއެވެ. ފުވައްމުލަކު ސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ސިޓީގެ މޭޔާ އިސްމާއިލް ރަފީގެވެ.

ސަރުކާރުގެ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން ކުރިއަށް ގެންދަން ނިންމާފައިވާ އެ މަޝްރޫއުގެ އަގަކީ 11 މިލިއަން ރުފިޔާއެވެ. އެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 2025ގެ ސެޕްޓެމްބަރު މަހަށެވެ.

އެގްރިކަލްޗާ މިނިސްޓްރީން ބުނީ، އެ ލެބޯޓަރީގައި މައިގަނޑު ހަތަރު މަސައްކަތެއް ކުރިއަށްދާނެ ކަމަށެވެ. އެއީ ގަސްގަހުގެ އެކިއެކި ބަލިތައް ދެނެގަތުމާއި ފަނިފަކްސާ ދިރާސާތައް ކުރުމާއި ބިމުގެ ވެލި ނަގައިގެން ކުރާ ތަހުލީލުތައް ކުރުން އަދި އިޖާދީ ގޮތެއްގައި ދަނޑުވެރިކަން ކުރުމަށް އެކިއެކި ދިމާލުން ގެންނަ ޓިޝޫތައް ކަންޗާ ކޮށްގެން ގަސްތައް ހެއްދުމުގެ މަސައްކަތެވެ.

ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރަމީލާ ވިދާޅުވީ، ދަނޑުތަކަށް ބައްޔެއްޖެހޭ ކޮންމެ ފަހަރަކީ މި ގައުމުގައި ދަނޑުވެރިންގެ ލެބޯޓަރީއެއްގެ މުހިންމުކަން އަންގައިދޭ ކަމެއް ކަމަށެވެ. އެ ލެބޯޓަރީއަށް އަށް ޓެކްނީޝަނުންނާއި ލީޑް ސައިންޓިސްޓެއް ނަގާނެ ކަމަށާއި އެ މަގާމުތަކަށް އެންމެ ބޮޑު އިސްކަމެއް ދޭނީ ދަނޑުވެރިކަމުގެ ދިރާސާކުރުމަށް ޝައުގު ހުންނަ ފުވައްމުލަކުގެ ރައްޔިތުންނަށް ކަމަށްވެސް ރަމީލާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ލެބޯޓަރީއަށް ބޭނުންވާ އެކިއެކި ވަސީލަތްތައް މިހާރުވެސް ހުރީ ފުވައްމުލަކުގައި ކަމަށާއި އޭގެ އިތުރަށް ލެބޯޓްރީ ހިންގަން ބޭނުންވާ ސާމާނުތައް ޕްރޮކިއުކުރާނެ ކަމަށެވެ.