ވިލާ ކޮލެޖުގެ ފުރަތަމަ އިންޓީރިއާ އާކިޓެކްޗާ މައުރަޒު މިއަދު ކާމިޔާބީ ކަމާއެކު ބާއްވައިފިއެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ޝަރަފުވެރި ކޮށްދެއްވި އެ މައުރަޒުގައި ވަނީ ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީން ހިންގާ އިންޓީރިއާ އާކިޓެކްޗާ ޑިގްރީ ޕްރޮގްރާމުގެ ދަރިވަރުންގެ 30 ޕްރޮޖެކްޓެއް ދައްކާލައިފައެވެ.
މައުރަޒު ފެށުމުގެ ގޮތުން ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީގެ ހެޑް އޮފް ސްކޫލު އުދުމާ އަބްދުއް ލަތީފު ވިދާޅުވީ އެ މައުރަޒަކީ ވިލާ ކޮލެޖުން އިންޓީރިއާ އާކިޓެކްޗާ ކޯހުގެ ބައިވެރިންގެ މޮޑިއުލުތައް ދައްކައި ދިނުމަށް ހާއްސާ ކުރި މައުރަޒެއް ކަމަށެވެ.
"މިއަދަކީ އަނެއްކާވެސް ރާއްޖޭގެ ތާރީހުގައި ބިންވަޅު ނެގިގެންދާނެ ދުވަހެއް. އެއީ ރާއްޖެގައި މުޅިން އަލަށް ހިންގާ އަދި ހަމައެކަނި ވިލާ ކޮލެޖުން ހިންގާ ބެޗްލާ އޮފް އިންޓީރިއާ އާކިޓެކްޗާ ޑިޒައިން ކޯހުގެ ދަރިވަރުންގެ އިލްމާއި ހުނަރާއި ތަނަވަސް ހިޔާލާއި އުފެއްދުންތެެރިކަން ދައްކުވައިދޭ މައުރަޒެއް ބޭއްވިގެންދާ ދުވަސް،" އުދުމާ ދިވާޅުވިއެވެ.
މައުރަޒު ހުޅުވުމަށް ބޭއްވި ހަފުލާގައި އެންމެ މޮޅު މަޝްރޫއުތަކަށް އެވޯޑްވެސް ވަނީ ދީފައެވެ. އެގޮތުން ސެމިސްޓާ 2ގެ ބެސްޓް ޕްރޮޖެކްޓް އެވޯޑް ހޯދީ އިންތިއާޝް ސާލިހުގެ "ކިއުރިއޯސިޓީ" ޕްރޮޖެކްޓެވެ. ސެމެސްޓާ 4ގެ ބެސްޓް ޕްރޮޖެކްޓް އެވޯޑް ހޯދީ އާއިޝަތު ސަމްހާ ރިޔާޒްގެ "އަ ބެލެންސްޑް ހާމޮނީ" ޕްރޮޖެކްޓެވެ.
ސެމެސްޓާ 5ގެ ބެސްޓް އެވޯޑް ދެ ދަރިވަރަކު ހޯދިއެވެ. އެ ދެ ދަރިވަރުންނަކީ ދީނާ އަހުމަދު ޝަރީފްގެ "އޮއެސިސް/ކްލައުޑް 9" ޕްރޮޖެކްޓު އަދި އާއިޝަތު ޔާނިއާ ހަލީލުގެ "ރިޕްލްސް އޮފް ނޮސްޓަލްޖިއާ" އެވެ.
ސެމެސްޓާ 6ގެ ފައިނަލް ސެމެސްޓާގެ ބެސްޓް ޕްރޮޖެކްޓް އެވޯޑް ހޯދީ މަރިޔަމް ޖާއިޝަތު ސަލީމްގެ "އޮނު އެލްޑާލީ ލިވިން ސެންޓަރު" ޕްރޮޖެކްޓެވެ. އެ ޕްރޮޖެކްޓް ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލްއަށް އަރުވައިފައެވެ.
ހަފުލާގައި ވާހަކަދައްކަވަމުން ފަޒުލް ވަނީ، އިންޓީރިއާ އާކިޓެކްޗާގެ ދާއިރާއިން މޮޅުވުމަށް މަސައްކަތް ކުރުމަކީ ކިހާ މުހިންމު ކަމެއްކަން ފާހަގަކުރައްވައިފައެވެ. އަދި ވިލާ ކޮލެޖުން އިންޓީރިއާ އާކިޓެކްޗާ ދާއިރާ އިން ކުރިއަށް ގެންދިޔަ ޕްރޮގްރާމްގެ ސަބަބުން ގިނަ ދަރިވަރުންނައް މަސައްކަތްތެރިކަމުގެ އަމަލީ ތަޖުރިބާ ލިބިގެންދިޔަ ކަމަށް ވިދާޅުވިއެވެ.
ފަޒުލް ވިދާޅުވީ، ރަސްމާލެ ފަދަ ބޮޑެތި ޕްރޮޖެކްޓުތައް ނިމުމުން އެ ދަރިވަރުންނަށް އިންޓީރިއާ ޑިޒައިންގެ ފަހި ފުރުސަތުތަކެއް ލިބޭނެ ކަމަށެވެ. އޭގެ އިތުރުންވެސް ހުޅުމާލެ ފަދަ އާބާދުވަމުން އަންނަ ބިން ބޮޑު ސަރަހައްދުތަކުންވެސް ގިނަ ފުރުސަތު ލިބޭނެ ކަމަށް ވިދާޅުވިއެވެ.
"ރިއަލް އެސްޓޭޓް ކުންފުންޏެއްގެ ފަރާތުން އެޗްޑީސީން މިއަދު ކުރަމުން އަންނަ މަސައްކަތުގެ ތެރޭގައި މި އެކްޒެބިޝަނުން ރަމްޒުކޮށްދޭ ކޮންމެ ކަމަކީ އަޅުގަނޑުމެންނަށް އެހީތެރިވެދޭނެ ކަންކަން. ދައުލަތުގެ ފަރާތުން މެނިފެސްޓޯ ތަންފީޒު ކުރުމަށްޓަކާ އެޗްޑީސީގެ ފަރާތުން ދޮށީ އުމުރުފުރައިގެ ބޭފުޅުންނަށް ހާއްސަ އިމާރާތެއް އެބަ ތައްޔާރުކުރަން. އެ އިމާރާތުގައި ތި ކުދިންގެ އެހީތެރިކަން ބޭނުންކުރުމަކީ މި ފުރުސަތުގައި ހުޅުވާލާ ހުޅުވާލުމެއް،" ފަޒުލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ދޮށީ އުމުރުފުރައިގެ މީހުންނަށް ހަދާ އިމާރާތަކީ އެޗްޑީސީގެ ސީއެސްއާރުގެ ޕްރޮޖެކްޓެއް ކަމަށާއި ނަމަވެސް އެ ތަނުގެ އިންޓީރިއާ ޑިޒައިން ކުރުމަށް ވިލާ ކޮލެޖުގައި ކިޔަވާ ދަރިވަރުން އަދި ކިޔަވާ ނިމިފައި ތިބި ދަރިވަރުންނަށް ދޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު