ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޯޑަށް ސަރުކާރުން ހުށަހަޅާފައިވާ މެމްބަރުން އައްޔަން ކުރުމަށް ހާއްސަ ގޮތުން ބާއްވާ އާންމު ޖަލްސާއެއް އަންނަ މަހު ބާއްވަން ނިންމައިފިއެވެ.

ބީއެމްއެލް އިން މިއަދު ކުރި އިއުލާނެއްގައި ބުނީ އަންނަ މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ބާއްވަން ނިންމާފައިވާ އެ ޖަލްސާއަކީ ފިނޭންސް މިނިސްޓްރީން އެ ބޭންކުގެ ހާއްސަ އާންމު ޖަލްސާއެއް ބޭއްވުމަށް އެދުމުން ބާއްވާ ޖަލްސާއެއް ކަމަށެވެ.

އެގޮތުން ޖަލްސާގައި ބޯޑު މެންބަރުން އައްޔަން ކުރުމުގެ އިތުރުން މިދިޔަ ޖުލައި މަހު ބޭއްވި އީޖީއެމްގެ ޔައުމިއްޔާ އިއްވުމަށްވެސް ތާވަލުކޮށްފައިވެއެވެ.

ބީއެމްއެލް އިން ބުނީ، ޖަލްސާގައި ބައިވެރިވެވޭނީ އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް އެ ބޭންކުގެ ހިއްސާދާރުންގެ ދަފުތަރުގައި ރަޖިސްޓްރީވާ މީހުންނަށް ކަމަށެވެ. އަދި އެ ޖަލްސާ ކުރިއަށް ގެންދަން ނިންމާފައިވަނީ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީ (އެމްއެސްޑީ) ގެ އޮންލައިން ޕްލެޓްފޯމް "ފަހިވޯޓު" މެދުވެރިކޮށް ކަމަށްވެސް ބުންޏެވެ.

އެގޮތުން ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުންނަށް އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ޕްރީ ރަޖިސްޓަރީ ކުރެވޭނެއެވެ.

ބީއެމްއެލްގެ ބޯޑުގައި 11 މެންބަރުން ތިބެއެވެ. އެއީ ސަރުކާރުން އައްޔަންކުރާ އަށް މެންބަރުންނާއި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ތަމްސީލުކުރާ ތިން މެންބަރުންނެވެ. އެކަމަކު މި ވަގުތު ބޯޑުގައި ތިއްބެވީ އަށް ބޭފުޅުންނެވެ. އެއީ އެ ބޯޑުގައި އިންނަވާ އެ ކުންފުނީ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ބޯޑުން އިސްތިއުފާ ދެއްވުމުންނެވެ.