ސަރުކާރުން ކުންފުނިތަކަށް ދޭން ހުރި ފައިސާ ދީ ހަލާސް ކުރައްވާނެ ގޮތްތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ، ރައީސް އެގޮތަށް ނިންމެވީ ސަރުކާރުން ކުންފުނިތަކަށް ދޭން ހުރި ފައިސާގެ ތަފުސީލާއި އެ ފައިސާ ދޭންހުރި ބޮޑެތި ވެންޑަރުންނަށް ދެވިދާނެ ހައްލުތަކާ ގުޅޭ ގޮތުން އިއްޔެ ބޭއްވެވި ކެބިނެޓް ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ހުށަހެޅުއްވި ކަރުދާހަށް ކެބިނެޓުގައި މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ.

އެގޮތުން ރައީސް ނިންމަވާފައިވަނީ ކޮންމެ މަހަކު ވެންޑަރުންނަށް ދެއްކުމަށް ކަނޑައެޅޭ ފައިސާގެ އަދަދަށް ބަލައި، އެންމެ ގިނަ ދުވަސްވީ ބިލުތަކުގެ ތަރުތީބުން، ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ފައިސާ ދެއްކުމުގެ ކަންކަން ކުރިއަށް ގެންދެވުމަށާއި ކަނޑައެޅޭ ވަކި މިންވަރަކަށްވުރެ ދަށުގެ ބިލުތަކަށް ފައިސާ ދައްކާނެ އަދަދެއް ކަނޑައަޅައި، ދެބައި ވަކިން ބެލެހެއްޓެވުމަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އޭގެ އިތުރުން ދައުލަތުން ނުދެއްކި ހުރި ފައިސާގެ ބަދަލުގައި، ވެންޑަރުންނަށް އިތުރު އާމްދަނީއެއް ލިބޭނެ ފަދަ ޓީ-ބޮންޑަކަށް އެ ފައިސާ ބަދަލުކުރުމުގެ ފުރުސަތު ދިނުމަށާއި ބިމެއް ކުއްޔަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ދެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށާއި ވިޔަފާރިތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ، ހާއްސަކޮށް މީރާއަށް ޓެކުހުގެ ގޮތުގައި ދައްކަންޖޭ ފައިސާ، އިން އޮފްސެޓް ކުރުމަށްވެސް ރައީސް ނިންމެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ، ރައީސް އިތުރަށް ނިންމެވި ކަންކަމުގެ ތެރޭގައި އެކިއެކި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް، ކަމާބެހޭ ފަރާތްތައް ހިމެނޭ ގޮތަށް ޓާސްކްފޯހެއް އެކުލަވައިލައި، އެ ފައިސާ ހޯދުމުގެ މަސައްކަތް ހާއްސަ އިސްކަމެއް ދެއްވައިގެން ކުރެއްވުމަށާއި ފިނޭންސް މިނިސްޓްރީން ހުށަހެޅުއްވި ލޯނު އޮޕްޝަންތަކުގެ އިތުރަށްވެސް ކުރު މުއްދަތެއްގެ ތެރޭގައި ލޯނު ލިބޭނެ އިތުރު އޮޕްޝަންތައް ބައްލަވައި އެކަމަށް މަސައްކަތް ކުރެއްވުންވެސް ހިމެނޭ ކަމަށެވެ.