މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކުގެ ސީއީއޯއަކަށް އިނގިރޭސި ރައްޔިތެއް އަދި ޗެއާޕާސަނަކަށް ސިންގަޕޫރުގެ ރައްޔިތަކު ކަނޑައަޅައިފިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފެއްދި ޑިވެލޮޕްމެންޓު ބޭންކުގެ ސީއީއޯގެ މަގާމަށް އައްޔަންކުރީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް އެވެ. ޗެއާޕާސަންގެ މަގާމަށް އައްޔަންކުރީ ސިންގަޕޫރުގެ ރައްޔިތެއް ކަމަށްވާ އަރުނީ ގުނެތިލަކަ އެވެ.

އެ ދެ ބޭފުޅުން ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފައެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކުގެ ސީއީއޯއަކަށް ހަމަޖެއްސެވީ އެ ދާއިރާގައި 28 އަހަރުގެ ތަޖުރިބާ ހުރި ނޮއެލް އެންމެ ފަހުން ހުންނެވީ ސައުދީ އަރަބިއްޔާގެ ނެޝަނަލް އިންސްފްރާސްޓްރަކްޗާ ފަންޑުގެ ޗީފް އިންވެސްޓްމެންޓް އޮފިސަރުގެ މަގާމުގައެވެ. ނޮވެލް ވަނީ އިލެކްޓްރިކް ވެހިކަލް އެފްރިކާ ފަންޑުގެ ރިޔާސަތުވެސް ބަލަހައްޓަވައިފައެވެ. އޭނާ ވަނީ، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން މާސްޓާސް އޮފް ފިލޯސަފީން މެނޭޖުމެންޓް ސްޓަޑީޒް ހާސިލުކުރައްވައިފައެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކުގެ ޗެއާޕާސަންގެ މަގާމަށް އައްޔަނުކުރެއްވި އަރުނީ އަކީ، ދުނިޔޭގެ މާލީ ބާޒާރުތަކުގައި 25 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފައިނޭންޝަލް ސާވިސަސް އެކްސްޕާޓެއް ކަމަށެވެ. އެގޮތުން، އޭނާ ވަނީ ކޯޕަރޭޓް ބޭންކިން، ކްރެޑިޓް، ރިސްކް މެނޭޖްމަންޓް އަދި އިންޓަނޭޝަނަލް އަދި ސްރީލަންކާގެ ބޭންކުތަކުގެ އިންޓާނަލް އޮޑިޓްގެ ޓްރާންސްފޮމޭޝަނަލް މަގާމުތައް ފުރުއްވައިފައެވެ. އޭނާ ވަނީ ހާވާޑް ޔުނިވާސިޓީން މާސްޓާސް އޮފް ލޯސް (އެލްއެލްއެމް) ހާސިލުކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ރާއްޖޭގެ ފުރަތަމަ މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކް އުފައްދަވާފައިވަނީ މެއި މަހުގެ 16 ވަނަ ދުވަހުގައެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑުން އެ ބޭންކްގެ ބޯޑަށް ވަނީ ތިން މެންބަރަކު އައްޔަނުކޮށްފައެވެ. އެ ބޭންކުގެ ބޯޑަށް އައްޔަންކޮށްފައިވަނީ މއ. ވޭސައިޑް 805 ފްލެޓް އަހުމަދު އަލީ އާއި ސިންގަޕޫރުގެ ރައްޔިތެއް ކަމަށްވާ ސައީދު އަބްދުއްނާސިރު ބިން ސައީދު ހަސަން އަލް ޖުނެއިދުގެ އިތުރުން އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ރޮބަޓް ޑެނިއެލް ކާންޓްއެވެ.