ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް މިއަދު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގެނައި ބަދަލަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސީދާ އަންގަވާފައި އޮތް ގޮތާ ހިލާފަށް ގެނައި ބަދަލެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ، ޑޮލަރު ލިމިޓް ނުކުރަން ރައީސް ބީއެމްއެލްއަށް އެންގެވީ އެތައް ބައިވަރު ކިޔަވާ ކުދިންނާއި ބޭރުން އެއްޗެހި އިމްޕޯޓް ކޮށްގެން އޮންލައިން ވިޔަފާރި ކުރާ އެތައް ބައެއްގެ ހައްގުގައި ކަމަށެވެ.
"ބީއެމްއެލް އިން މިއަދު އަމަލު އެ ކުރީ ސީދާ ރައީސް އެކަން އެގޮތަށް ނުކުރަން އަންގަވާފައިވާ އޮއްވައި،" ސައީދު ވިދާޅުވިއެވެ.
އެކަމުގެ ތަފުސީލަށް ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވީ، ކޮވިޑަށްފަހު ދުނިޔޭގެ އިގުތިސާދަށް ބަދަލުތަކެއް އައި އިރު، އާންމު ދިރިއުޅުމުގެ ވައްޓަފާޅިއަށްވެސް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.
އެގޮތުން ރާއްޖެ އިން ޑޮލަރަށް ބަރޯސާވެފައި އޮތް މިންވަރު މިހާރު ބޮޑުތަނުން އިތުރުވެ، އެކަމުގެ ސަބަބުން ރާއްޖެ އިން ގިނަ އަދަދެއްގެ ޑޮލަރު ބޭރުވަމުންދާ ކަމަށާއި އެކަމުގެ ސަބަބުން ބީއެމްއެލްއަށް ދިމާވާ ގޮންޖެހުންތަކާއި ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރާއެކު ވަރަށް ގިނަ ފަހަރު މަޝްވަރާ ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
"ބީއެމްއެލް އަށް ސަޕޯޓް އެބަ ބޭނުންވޭ. އަޅުގަނޑުމެން ސެންޓްރަލް ބޭންކާއެކު މި ވާހަކަދައްކަނީ ކޮން ކަހަލަ ސަޕޯޓެއްތޯ ދެވޭނީ. މީގައި ހުރި ސޮލިއުޝަންތަކަކީ ކޮބައިތޯ؟ އެ ކޮށްދެވެން ހުރި ހުރިހާ ކަމެއް އަޅުގަނޑުމެން ފެސިލިޓޭޓް ކޮށްދޭނަމޭ އެ ކޮށްދޭއިރު ސެންޓްރަލް ބޭންކާއެކު އަޅުގަނޑުމެން މަޝްވަރާ ކުރަންޖެހޭ،" ޝަފީގު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރާއްޖެއަށް ލިބޭ ޑޮލަރު އިތުރު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ރާއްޖެއަށް ޑޮލަރުން އާމްދަނީ ލިބޭ ގޮތްތައް އިތުރުކުރެވޭތޯ މަސައްކަތް ކުރައްވާ ކަމަށާއި އެގޮތުން އެންމެ އަވަހަށް ޑޮލަރު އިތުރު ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ކެބިނެޓުގައި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބަންޑާރަ ނައިބު، އަހުމަދު އުޝާމް ވިދާޅުވީ ބީއެމްއެލުން މިއަދު ނިންމި ނިންމުން ބަދަލު ކުރަން ނިންމީ އެ ބޭންކަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ގުޅިގެން ހައްލު ހޯދައި ދިނުމަށް ސަރުކާރާއި އެމްއެމްއޭއިން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދިނުމުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު