މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އާއި ގަތަރު އެއާވޭސްގެ ޖެނެރަލް ސާވިސް އޭޖެންޓް އޭސް ޓްރެވަލްސް މޯލްޑިވްސްއާ ދެމެދު ސީ ޓު އެއާ ޓްރާންސްޝިޕްމަންޓް ކާގޯ ހިދުމަތް ފޯރުކޮށްދިނުމާ ގުޅޭ ސާވިސް އެގްރީމަންޓެއްގައި ސޮއިކޮށްފިއެވެ.

އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ފަރާތުން އެއްބަސްވުމެއްގައި ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމެވެ. އޭސް ޓްރެވަލްސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގެވެ.

މި އެއްބަސްވުމުގެ ދަށުން، ގަތަރު އެއާވޭސް މެދުވެރިކޮށް ސީ ޓު އެއާ ޓްރާންޝިޕްމަންޓް ކާގޯގެ ހިދުމަތް ފޯރުކޮށްދޭނެއެވެ.

އެ ރަސްމިއްޔާތުގައި ވަޖީހް ވިދާޅުވީ މި އަހަރުގެ މެއި މަހު ސީ ޓު އެއާ ޓްރާންސިޕްމަންޓްގެ ކާގޯގެ ހިދުމަތް ފެށިފަހުން ދެ ތިން މަހުގެ ތެރޭގައި ނަތީޖާ ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށެވެ.

"މި ތިން މަސް ދުވަހުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް އަޅުގަނޑުމެން ކާގޯ ފޮނުވައިފިން. މިއީ ކުރިންވެސް އެއާލައިންތަކުން ފެށުމަށް އެދެމުން އައި ހިދުމަތެއް. އެކަމަކު މިހާތަނަށް ކޮންމެވެސް ސަބަބުތަކަކާ ހެދި މިކަން ނުވެފައި އޮތީ. މި ސަރުކާރުން އައިސް މި ހިދުމަތް މި ފެށީ،" ވަޖީހު ވިދާޅުވިއެވެ.

"މިއީ އެހެން ގައުމުތަކުގައި ކުރިންސުރެ ކުރަމުން އަންނަ ކަމެއް. ސްރީލަންކާ އިންވެސް މިކަންކުރޭ. އެކަމަކު ރާއްޖެއަށް މި ލިބޭ އެޑްވާންޓޭޖަކީ ރާއްޖެއިން (ވައިގެ މަގުގެ) ކަނެކްޝަންތައް (ހާއްސަކޮށް ޔޫރަޕަށް) ރަނގަޅުވުން. މިއީ ޑޮލަރުން އާމްދަނީ ލިބޭ ހިދުމަތެއް. މި ހިދުމަތް ލިބިގެން ފުޅާވެގެންދާ ވަރަކަށް، އާމްދަނީއަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ،" ވަޖީހު ވިދާޅުވިއެވެ.

ވަޖީހު އިތުރަށް ވިދާޅުވީ ރާއްޖޭގެ އިގުތިސޯދީ ހަރަކާތްތައް ފުޅާކޮށް، އާމްދަނީ އިތުރުކުރުމަކީ އަދުގެ ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދޭ ކަމެއް ކަމަށެވެ. އަދި ސީ ޓު އެއާ ޓްރާންސްޝިޕްމަންޓް ހިދުމަތް ފުޅާކުރުމަށްވެސް ސަރުކާރުން ބާރު އަޅާ ކަމަށާއި ގަތަރު އެއާވޭސްއާ އެކު، އެ ހިދުމަތް އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.

މި އަހަރުގެ މާޗު މަހު އެމްޕީއެލް އިން ތައާރަފްކުރި ސީ ޓު އެއާ ޓްރާންސްޝިޕްމަންޓް ކާގޯގެ ހިދުމަތުގެ ފުރަތަމަ ޝިޕްމަންޓް، ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑުމަގުން ގެނައި ގާމެންޓް ޝިޕްމަންޓް ފޮނުވީ މި އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

ގަތަރު އެއާވޭސް އިން ދުނިޔޭގެ 250 މަންޒިލަކަށް އެއާކާގޯ ކުރަމުންގެންދާ ކަމަށް ފިރާގް ވިދާޅުވިއެވެ. އަދި އެ އެއާލައިނަން ދުވާލަކު 50 ޓަނުގެ މުދާ އުފުލުމުގެ ގާބިލްކަން ލިބިފައިވާ ކަމަށްވެސް ފިރާގް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ނުކުންނަނީ ތަޖުރިބާއާއެކީގައި. މިވަގުތު ތިން ފްލައިޓް އޮޕަރޭޓްކުރޭ ފްލައިޓުގެ ކެޕޭސިޓީ ފްލައިޓަށް ބަދަލުވާއިރު ދުވާލަކު 50 ޓަނުގެ ކާގޯ ވައިގެ މަގުން ރާއްޖެއިން ބޭރުގެ މަންޒިލުތަކަށް ފޮނުވޭނެ. މިމަހުގެ 27 ގައި ވައިގެމަގުން 100 ޓަނުގެ މުދާއެބަގެންނަން ވައިގެ މަގުން،" އެ ރަސްމިއްޔާތުގައި ފިރާގް ވިދާޅުވިއެވެ.