ނުވަ މީހުންނާއެކު ބެންކޮކްގެ މައި އެއާޕޯޓުން ފުރި ފްލައިޓެއް ވެއްޓި، އެ ފްލައިޓުގައި ދަތުރުކުރި އެންމެން މަރުވެއްޖެއެވެ.

ބެންކޮކްގެ މައި އެއާޕޯޓުން އެ ގައުމުގެ ތްރަޓް ޕްރޮވިންސަށް ދަތުރުކުރި އެ ފްލައިޓު ވެއްޓިފައިވަނީ ބެންކޮކް ކައިރީގައި އޮންނަ ޖަންގައްޔަކަށެވެ. ރިޕޯޓްތައް ބުނާ ގޮތުން، ބެންކޮކުން ނައްޓާލިތާ 10 މިނެޓު ފަހުން އެ ފްލައިޓާ ގުޅުން ކެނޑުނެވެ.

އަދި މަންޒަރު ދުށް މީހުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނެފައިވާ ގޮތުން ފްލައިޓު ވެއްޓުމުގެ ކުރިން ވައިގެ ތެރޭގައި ފްލައިޓު ގޮވިއެވެ.

އެ ހާދިސާގައި މަރުވެފައިވަނީ ތައިލެންޑުގެ ދެ ޕައިލެޓުންނާއި ޗައިނާއަށް ނިސްބަތްވާ ފަސް މީހުންނާއި ތައިލެންޑުގެ ދެ މީހުން ކަމަށް އޮފިޝަލުން ބުނެއެވެ.

ތައިލެންޑުގެ ފުލުހުންނާ ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ ފްލައިޓް ވެއްޓުނު ސަރަހައްދު ހޯދައި، އެތަނުން ފްލައިޓުގެ ބައިތަކާއި އޭގެން ދަތުރުކުރި މީހުންގެ ހަށިގަނޑުގެ ބައިތަކެއްވެސް ހޯދައިފައެވެ. އެގޮތުން ހާތަނަށް ފްލައިޓުން ދަތުރުކުރި މީހުންގެ ހަށިގަނޑުގެ 70 ބައި އެކި ހިސާބުތަކުން ހޯދިފައިވާ ކަމަށް ފުލުހުން ބުނެފައެވެ.