ގަތަރު އެއާވޭސްގެ ވެބްސައިޓުން މޯލްޑިވިއަންގެ ޓިކެޓު ބުކްކުރެވޭ ގޮތް ހަދައިފިއެވެ.

މޯލްޑިވިއަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރާއްޖެ އަންނަ މީހުންނަށް ގަތަރު އެއާވޭސްގެ ވެބްސައިޓުން، ރާއްޖެ އައުމަށް ޓިކެޓާއި ރާއްޖެ އައިސް ބޭނުންވާ މަންޒިލަށް ދިއުމަށް މޯލްޑިވިއަންގެ ޑޮމެސްޓިކް ފްލައިޓު އެއް ބުކިންއެއްގެ ތެރެއިން ކުރެވޭނެ ކަމަށެވެ.

އެގޮތުން، ގަތަރު އެއާވޭސްއިން އަންނަ މީހުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އައުމުން، އެ މީހުން ދާން ބޭނުންވާ މަންޒިލަށް ދިއުމަށް މޯލްޑިވިއަންގެ ޑޮމެސްޓިކް ފްލައިޓަށް އެ މީހުން ގެންދާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

ގަތަރު އެއާވޭސްގެ ޗީފް ކޮމާޝަލް އޮފިސަރު ތިއޭރީ އެންޓިނޯރީ ވިދާޅުވީ މޯލްޑިވިއަންއާއެކު ވެފައިވާ އިންޓަލައިން ޕާޓްނާޝިޕްގެ ދަށުން ފަސިންޖަރުންނަށް ފަސޭހަކަމާއެކު ދަތުރުކުރެވި އެ މީހުންގެ ވަގުތުވެސް ސަލާމަތްވާނެ ކަމަށެވެ.

މޯލްޑިވިއަންގެ ޗީފް ކޮމާޝަލް އޮފިސަރު އިސްމާއިލް އަމްރާހު އުމަރު ވިދާޅުވީ، އިންޓަލައިން ޕާޓްނާޝިޕްގެ ދަށުން، ގަތަރު އެއާވޭސްއިން ރާއްޖެ އަންނަ ފަސިންޖަރުންނަށް ބައިނަލްއަގުވާމީ ބަގޭޖު އެލަވަންސާއެކު، ރާއްޖޭގެ 17 މަންޒިލަކަށް މޯލްޑިވިއަންގެ ޑޮމެސްޓިކް ފްލައިޓު މެދުވެރިކޮށް ދަތުރުކުރުމުގެ ފުރުސަތު ފަހިވެގެން ގޮސްފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ، ރާއްޖެ އަންނަ ފަސިންޖަރުންނަށް ރާއްޖޭގެ ރަށްތައް މަތިން ދައްކާލައި، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުން،" އަމްރާން ވިދާޅުވިއެވެ.

މޯލްޑިވިއަންއަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އެންމެ ބޮޑު އެއާލައިނެވެ. މޯލްޑިވިއަނުން ބަންގްލަދޭޝް، އިންޑިއާ އަދި ސްރީލަންކާއަށްވެސް ދަތުރުކުރެއެވެ. އެ ކުންފުނީގެ ފްލީޓްގައި ހިމެނެނީ ސީޕްލޭން އަދި ވީލްބޭސް މަތިންދާ ބޯޓެވެ.

ޓްރެވެލް އިންޑަސްޓްރީގެ އެކްސެލެންސްގެ ބެންޗްމާކެއް ކަމަށްވާ ގަތަރު އެއާވޭސްއަށް ދާދި ފަހުން ވަނީ ސްކައިޓްރެކްސްގެ ވޯލްޑްސް ބެސްޓްގެ އެވޯޑް އަށްވަނަ ފަހަރަށް ލިބިފައެވެ. އެ އެއާލައިނުން ދުނިޔޭގެ 170 އަށްވުރެ ގިނަ މަންޒިލަށް ދަތުރުކުރެއެވެ.

ގަތަރު އެއާވޭސްއިން ކޮންމެ ދުވަހަކުވެސް ރާއްޖެއަށް ފުލައިޓުތައް ބާއްވައެެވެ.