ދައުލަތް ދެމެހެއްޓޭނީ މާލިއްޔަތު ހަރުދަނާކޮށް ބެލެހެއްޓިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މާލީ ސެކިއުރިޓީގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހުގެ ކޮމިޓީ ރިޕޯޓަށް ވާހަކަދައްކަވަމުން އަނާރާ މިއަދު ވިދާޅުވީ ދައުލަތުގެ މާލީ ހާލަތާ ބެހޭގޮތުން މިދުވަސްވަރު ތަފާތު ވާހަކަަތައް މުޖުތަމައުގައި ފެތުރެމުންދާ ކަމަށެވެ. އެއީ ކަންތައްވާން ޖެހޭނެ ގޮތެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތަށް ވާހަކަތައް ދެއްކި ނަަމަވެސް މާލީގޮތުން ރާއްޖެއަށް ވަރަށް ގިނަ ފައިދާތަކެއް ލިބެމުންދާ ކަމަށާއި، ކޮންމެ މަހަކުވެސް ރާއްޖޭގެ ރިޒާވްވެސް ރަނގަޅުވަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ރިޒާވްގައި ފައިސާ އެބަހުރި ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތަށް މާލީގޮތުން ފައިދާތައް ލިބެމުންދާއިރު ދޮގު ހަބަރުތައް މުޖުތަމައުގައި ފެތުރުމަކީ ކަންތައް ވާންޖެހޭގޮތް ނޫން ކަމަށްވެސް ވިދާޅުވިއެެވެ.

މެންބަރު ވިދާޅުވީ، ރާއްޖެއަށް ވެސް އެކި ގޮތްގޮތުން ފައިސާ ލިބޭނެ ގޮތްތައް ފަހިވެފައިވާ ކަމަށެވެ. ނަމަވެސް އެ ފައިސާ އެންމެ ރަނގަޅު ގޮތެއްގައި ހަރަދުކުރާނެ ގޮތްތަކެއް ކަނަޑައެޅިއްޖެނަމަ ރާއްޖެއަށް ފާގަތި މުސްތަގުބަލެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

އަނާރާ ވިދާޅުވީ، މާލީ ސެކިއުރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ އެކަންތައްތައް ފުރިހަމަވެގެންދާނެ ބިލެއް ކަމަށެވެ.