ރާއްޖޭގައި އެމެޖެންސީ އިވެލުއޭޝަނާއި ފަތުރުވެރިން އުފުލުމަށް ހެލިކޮޕްޓަރުގެ ހިދުމަތްދިނުމަށް ޝައުގުވެރިވާ ކުންފުނިތަކުން އެކަމަށް ހުޅުވާލި ފުރުސަތުގައި އެ ހިދުމަތް ދިނުމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) އިން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.
ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ބޭނުންވާ ކުންފުނިތަކުން އެކަމަށް ޝައުގުވެރިކަން ހުޅުވާލީ މި މަހުގެ ހަވަނަ ދުވަހުއެވެ. އެ މުއްދަތު މިދިޔަ އާދީއްތަ ދުވަހަށް ވަނީ ހަމަވެފައެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވާ ގޮތުން ހެލިކޮޕްޓަރުގެ ހިދުމަތަށް ޝައުގުވެރިކަން ފާޅުކުރާ ކުންފުނިތަކުގެ ތެރެއިން ކާމިޔާބުކުރާ ކުންފުންޏަކަށް ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމުގެ އެކްސްކުލޫސިޓިވީ 10 އަހަރަށް ލިބިގެންދާނެއެވެ.
ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް އާރުއޭސީއެލް އިން ޝައުގުވެރިކަން ފާޅުކުރީ ދުބާއީގެ އޮޕަރޭޓަރެއް ކަމަށްވާ އެއާ ޝަޓޯ ޑީޑަބްލިޔުސީ އާއި ވިންގް ކެޕިޓަލް މެނޭޖްމަންޓާއެކު ގުޅިގެންނެވެ.
އާބަން އެއާ މޮބިލިޓީ ނިއުސް (ޔޫއޭއެމް) އިން ރިޕޯޓްކޮށްފައިވާ ގޮތުން "ޕްރޮޖެކްޓް އެލެވޭޓު މޯލްޑިވްސް" ގެ ނަމުގައި ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް އާރުއޭސީއެލް އިން އެއާ ޝަޓޯ ޑީޑަބްލިޔުސީ އާއި ވިންގް ކެޕިޓަލް އާއެކު ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕެއް ގާއިމުކުރާނެއެވެ.
އެ ޕާޓްނާޝިޕުގެ ދަށުން ރާއްޖޭގެ 1،200 ރަށް ގުޅުވާލުމަށް 100 ވާޓިޕޯޓުތަކާއި ޑްރޯންޕޯޓުތައް ތަރައްގީކުރަން ވަނީ ނިންމައިފައެވެ. އެ ޕޯޓުތަކުގައި ޓަޗް ޑައުން އެންޑް ލިފްޓް އޮފް ސަރަހައްދުތަކާއި ފައިނަލް އެޕްރޯޗް އެންޑް ޓޭކް އޮފް ޒޯންތަކާއި ސޭފްޓީ ޒޯންތަކާއި ވެއިޓިން ހޯލްތަކާއި ޗާޖު ކުރާނެ ތަންތަން ތަރައްގީ ކުރާނެއެވެ.
ޔޫއޭއެމްގައި ބުނެފައިވާ ގޮތުން އެ ޕާޓްނާޝިޕްގެ ދަށުން ހެލިކޮޕްޓަރު އޮޕަރޭޓު ކުރުމުގެ ފުރުސަތު އެ ޖޮއިންޓުވެންޗާ އަށް ލިބިއްޖެ ނަމަ، ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓު ކުރުމުގެ ހުއްދަ 20 އަހަރަށް އެ ކުންފުންޏަށް ލިބޭނެއެވެ. އަދި ރާއްޖެއަށް އިތުރު ފޮރިން އިންވެސްޓްމަންޓް ގެނައުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު