ކުރިއަށް އޮތް ސީޒަންއާ ދިމާކޮށް ގަތަރު އެއާވޭސް އިން ރާއްޖެއަށް އިތުރު ފްލައިޓްތަކެއް ބާއްވަން ނިންމައިފިއެވެ.

ގަތަރުގެ ގައުމީ އެއާލައިންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން މި އަހަރުގެ ޑިސެމްބަރު 13 އިން ފެށިގެން އެ އެއާލައިނުން ރާއްޖެއަށް ހަފުތާއަކު 28 ފްލައިޓް ބާއްވަން ވަނީ ނިންމައިފަ އެވެ. ޖަރުމަނާއި އިޓަލީ އަދި ޔޫކޭގެ ދަތުރުވެރީންނަށް މިހާރު ބުކިން ހެއްދޭނެ ކަމަށްވެސް ބުންޏެވެ.

ގަތަރު އެއާވޭސްއިން ރާއްޖެއަށް މިހާރު ބާއްވަނީ ހަފުތާއަކު 21 ފްލައިޓެވެ.

ގަތަރު އެއާވޭސް އިން ވަނީ ކުރިއަށް އޮތް ފިނިމޫސުމަށް ރާއްޖޭގެ އިތުރުން ލަންޑަން، މިއާމީ އަދި ޓޯކިޔޯއަށް ބާއްވާ ދަތުރުތައްވެސް އިތުރުކުރަން ނިންމައިފައެވެ.

ކޮވިޑް-19 އަށްފަހު ރާއްޖޭގެ ބޯޑަރު 15 ޖުލައި 2020ގައި އަލުން ހުޅުވާލުމާ ގުޅިގެން ވީއައިއޭއަށް އެންމެ ފުރަތަމަ ޖެއްސީ ގަތަރު އެއާވޭސްގެ ފްލައިޓެކެވެ.