ދިވެހި ރެޑް ކްރެސެންޓުން އިންސާނިއްޔަތަށްޓަކައި ކުރާ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން އެ ޖަމިއްޔާއިން ތައާރަފު ކޮށްފައިވާ 'ޕާޓްނަސް ފޯ ހިއުމެނިޓީ އިނިޝިއޭޓިވް" ގެ ޕަރޓްނާޝިޕް ދިރާގުން އާ ކޮށްފި އެވެ.

ދިރާގުން މިއަދު ބުނީ ޕާޓްނާޝިޕް އާ ކޮށްދިނީ މިއަންނަ އަހަރުގެ ނިޔަލަށް ކަމަށެވެ. އެ ޕާޓްނަރޝިޕްގެ ދަށުން ދިވެހި ރެޑް ކްރެސެންޓުން ދޭ ހިދުމަތްތަކުގައި ދިރާގުން އެހީތެރިވުމަށް ނިންމާފައިވާ ކަމަށް ދިރާގުން ބުންޏެވެ. މީގެ ކުރިން ދިރާގުން ވަނީ 2018 އިން 2022 ވަނަ އަހަރާއި ހަމައަށް އެ ޖަމިއްޔާއާއެކު ޕާޓްނާޝިޕް ހަދައި އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ދިވެހި ރެޑް ކްރެސެންޓްގެ 'ޕާޓްނާސް ފޯ ހިއުމެނިޓީ އިނިޝިއޭޓިވް' ގައި ދިރާގުން ބައިވެރިވުމުގެ ސަބަބުން ކާރިސާތަކުގެ ވަގުތުގައާއި އާއްމު ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ނާޒުކު ފަރާތްތަކަށް ދިވެހި ރެޑް ކްރެސެންޓްގެ ދަރުމަވެރިން ފޯރުކޮށްދޭ ހިދުމަތްތަކަށް އެއްބާރުލުމާއި އެހީތެރިކަން ދެމެހެއްޓެނިވިގޮތުގައި ފޯރުކޮށްދެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

އެ މަސައްކަތްތަކުގެ ތެރޭގައި ފުރަތަމަ އެހީ ދިނުމާއި، ނަފްސާނީ، އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކާރިސާތަކުން އަރައިގަތުމަށް ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ހިމެނޭ ކަމަށް ދިރާގުން ބުންޏެވެ. މީގެ އިތުރުން އެ އެހީގެ ސަބަބުން އެފަދަ މަސައްކަތްތަކުގައި ހަރަކާތްތެރިވެ އުޅޭ ދަރުމަވެރިން ތަމްރީންކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެދިފައިވާ ދިވެހި ރެޑް ކްރެސެންޓްގެ ޔުނިޓްތައް ތަރައްގީކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ މިއަދު ދުނިޔޭގެ ހިއުމެނިޓޭރިއަން ދުވަސް ފާހަގަކުރަމުން ދާއިރު، ދިވެހި ރެޑް ކްރެސެންޓްގެ 'ޕާޓްނާސް ފޯ ހިއުމެނިޓީ" ގެ ޕާޓްނަޝިޕް އާ ބައިވެރިވުމަކީ ދިރާގަށް ލިބޭ ބޮޑު އުފަލެއް ކަމަށެވެ.