ތިމާވެއްޓަށް ގެއްލުން ލިބޭފަދަ އެކި އެކި މައްސަލަތަކާ ގުޅިގެން ކޮށްފައިވާ ޖޫރިމަނާތަކުގެ ގޮތުގައި، 38 މައްސަލައަކަށް 228 މިލިޔަން ރުފިޔާ ދައުލަތަށް ހޯދާދީފައިވާ ކަމަށް އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

ތިމާވެއްޓަށް ގެއްލުން ލިބޭފަދަ އެކި އެކި މައްސަލަތަކާ ގުޅިގެން ޖޫރިމަނާ ކޮށްފައިވާ ފަރާތްތަކުން ޖޫރިމަނާ ފައިސާ ނުދައްކާ މައްސަލައާ ގުޅިގެން އީޕީއޭގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް ކޮމިޓީއަށް މިއަދު ވަނީ ހާޒިރުކޮށްފައެވެ.

އެކޮމިޓީއަށް މައުލޫމާތު ދެއްވަމުން އީޕީއޭގެ ޒިންމާދާރު ވެރިޔާ އަދި ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމު މިއަދު ވިދާޅުވީ، 38 މައްސަލައަކާ ގުޅިގެން ޖޫރިމަނާގެ ގޮތުގައި 228 މިލިޔަން ރުފިޔާ ހޯދުމަކީ އެފަދަ އެހެން މުއައްސަސާތަކުން ކޮށްފައިވާ ޖޫރިމަނާތަކާ ގުޅިގެން އެފަރާތްތަކުން ހޯދައިފައިވާ ފައިސާއަށް ބަލާއިރު ކުޑަ އަދަދެއް ނޫން ކަމަށެވެ.

ޖޫރިމަނާގެ މައްސަލަތައް ލަސްވަމުންދާ ސަބަބުތައް ފާހަގަ ކުރައްވައި ނައީމް ވިދާޅުވީ، އެ މަސައްކަތްތަަކަކީ ބޭރުގެ އެކި އެކި ކުންފުނިތަކާއި ރާއްޖޭގެ އެކި މުއައްސަސާތަކާ ގުޅިފައި ހުރި ކަންތައްތަކެއް ކަމަށެވެ.

"ފަރަށް ބޯޓު އެރުމާއި އެކަމާ ގުޅުންހުރި ކަންތައްތަކަކީ، އެކަނި އެކަންޏަށް ކުރެވޭ ކަންކަމެއް ނޫން، އެޖެންސީއަށް ކޮންމެސް ކަހަލަ ބާރުތަކެއް ހުރޭ ދީފަ، އެހެން ނަމަވެސް އެކްސްޕެކްޓް ކުރާ ވަރަަކަށް ނޫން އީޕީއޭއަށް މިނިވަންކަންދީފައި އޮންނަނީ، މިސާލަކަށް މައްސަލައެއް ހިފައިގެން ކޯޓަކަށް އީޕީއޭ އަކަށްނުދެވޭ،" ނައީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މައްސަލައެއް ކޯޓަށް ހުށަހަޅަން ބޭނުންނަމަ އީޕީއޭއިން ޖެހޭނީ އެޓާނީ ޖެނެރަލަށް ދަންނަވަން ކަމަށެވެ. އަދި މައްސަލައެއްގައި ބަޔަކު ޖޫރިމަނާ ކުރުމާއެއްކޮށް ފުރަތަމަ އެޕީލް ކުރަން ޖެހެނީ މިނިސްޓަރަށް ކަމަށާއި އެކަމަށް މިނިސްޓަރު ގޮތެއް ނުނިއްމައިފިއްޔާ، އެކަން އޮންނާނީ ކުރިއަށް ނުގޮސް ކަމަށްވެސް ވިދާޅުވިއެވެ.

އެ އެޖެންސީއަށް އޮންނަނީ އުޅަނދެއް ފަރަށް އަރައިގެން ޖޫރިމަނާ ކުރުން ނޫން ކަމަށާއި އެކަމުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުމާ ގުޅިގެން ޖޫރިމަނާކުރުން ކަމަށްވެސް ވިދާޅުވިއެވެ.

އެ ހުރިހާ ކަމެއް ކުރަމުންދަނީ ފާސްކޮށްފައިވާ ގަވާއިދެއްގެ ދަށުން ކަމަށާއި އެ ގަވާއިދުގައި މިންއަޅާނެ ގޮތާއި ޖޫރިމަނާ ކުރާނެ ގޮތް ކަނޑައަޅާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

"މައްސަލައަކާ ގުޅިގެން ޖޫރިމަނާކޮށްފައި، ކޮމިއުނިކޭޓް ކުރަންޖެހެނީ އެޖެންޓާ، އެޖެންޓާ ވާހަކަ ދައްކަދައްކާ ހުއްޓައި އެޖެންޓް އެބަ ބަދަލުވޭ، އަނެއްކާ މިޖެހެނީ ވާހަކަތައް ފަށަން، އެގޮތަށް ކުރިއަށް ދަނިކޮށް އޯނަރު ބަދަލުވޭ، އެކަންކަމާ ގުޅިގެންވެސް އެބަހުރޭ ލަސްވެފައި،"

އޭނާ ވިދާޅުވީ، އެޖެންސީއަށް ލިބިފައިވާ ގާބިލް ކަމާއި މީހުންގެ އަދަދަށް ބަލައި، މަސައްކަތް އަމާޒުކޮށްފައި ވަނީ ފަރަށް އަރާ ބޮޑެތި ކޭސްތަކަށް ކަމަށެވެ. ކޮންމެ ދުވަހަކު ފަރަށް އަރާ ރާއްޖޭގެ ދޯނިފަހަރު ފަހަތުން ދުވުމަކީ އެ މަސައްކަތް ރަނގަޅަށް ކުރެވޭނެ ކަމެއް ނޫން ކަަމަށްވެސް ވިދާޅުވިއެވެ.

އެ މަސައްކަތްތަކުގައި ބޭރުގެ ބޮޑެތި ކުންފުނިތަކާ މުއާމަލާތް ކުރަންޖެހޭ ކަމަށާއި އެ މައްސަލަތަކުގައި އެ ފަރާތްތަކުން ބައިނަލް އަގުވާމީ ވަކީލުން ބޭނުންކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.