ދެމެހެއްޓެނިވި ޕްރޮޖެކްޓުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ޖަމިއްޔާތައް ބާރުވެރިކޮށް، މުޖުތަމައަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފުކުރި "ބޭންކް ފަންޑް" އަށް އެދި ހުށަހެޅުމުގެ އިތުރު ފުރުސަތެއް ހުޅުވާލައިފިއެވެ.

"ބޭންކް ފަންޑް" އަށް އެދުމަށް ފުރަތަމަ ހުޅުވައިލީ މިދިޔަ މަހުގެ ދިހައެއްގެ ނިޔަލަށެވެ.

ބީއެމްއެލުން މިއަދު ބުނީ، "ބޭންކް ފަންޑް" އަށް އެދުމުގެ ފުރުސަތު އަންނަ ސެޕްޓެމްބަރު މަހުގެ އަށްވަނަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

'ބޭންކް ފަންޑް' ހުޅުވާލާފައިވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާ، ޖަމާއަތް އަދި ކްލަބުތަކަށެވެ. މި ފަންޑަށް އެދި ހުށަހަޅަންޖެހޭ ފޯމާއި ޕްރޮޕޯސަލް ހުށަހަޅަންޖެހޭނީ [email protected] އަށް އީމެއިލް މެދުވެރިކޮށެވެ.

މި ފަންޑުގެ ދަށުން ތައުލީމާއި ތިމާވެއްޓާއި ކުޅިވަރާއި މުޖުތަމައަށް ފައިދާކުރާ ދާއިރާތަކުން ފަސް ޕްރޮޖެކްޓެއް ހޮވައި، ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 200،000 ރުފިޔާގެ ހިލޭ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ބޭންކް ފަންޑާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓް https://www.bankofmaldives.com.mv/bank-fund އިން ލިބޭނެއެވެ.