ޝަންގްރިއްލާ ރިސޯޓު މަރާމާތުކޮށް އަލުން އޮޕަރޭޝަނަށް ގެންނައުމަށް އެކަނި ވެސް 25 މިލިއަން ޑޮލަރު (386 މިލިއަން ރުފިޔާ) ބޭނުންވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
އައްޑޫގައި މިއަދު ބޭއްވި ޑެސްޓިނޭޝަން އައްޑޫ ސަމިޓުގައި ފައިސަލް ވިދާޅުވީ، އައްޑޫގައި ޓޫރިޒަމް ޕްރޮމޯޓުކޮށް ފުޅާކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއްދޭ އިރު، އެންމެ ބޮޑު އިސްކަމެއް ދެނީ ކޮވިޑާ ގުޅިގެން ބަންދުކޮށްފައިވާ ޝަންގްރިއްލާ ވިލިނގިލި ރިސޯޓު އަލުން އޮޕަރޭޝަނަށް ގެނައުމަށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ޝަންގްރިއްލާ ރިސޯޓު ނުހުޅުވި އޮތުމުން އައްޑޫގެ ރައްޔިތުންނަށް 500 އެއްހާ ވަޒީފާގެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ޝަންގްރިއްލާގެ މެނޭޖުމެންޓާ އެކު ޓޫރިޒަމް މިނިސްޓްރީން ބައްދަލުކޮށްފައިވާ ކަމަށާއި އެ ބައްދަލުވުމުން ވެސް ގިނަ ކަންކަން ސާފުވެލެއްވި ކަމަށެވެ.
"އެ ބައްދަލުވުމުގައި އަޅުގަނޑުމެން ވާނީ ކިހިނެއްތޯ ޝަންގްރިއްލާ އޮޕަރޭޝަނަށް ގެނެވޭނީ ބަލާފައި. ބެލިއިރުގައި ގަބޫލު ކުރެވުނީ ވަރަށް ބޮޑަށް ރިނޮވޭޝަން މަސައްކަތްތަކެއް ކުރެވިގެންނޭ، ވަރަށް ޓައިމް ވެސް ނަގާނެ ކަންކަމޭ، އަދި 25 މިލިއަނެއްހާ ޑޮލަރު ހޭދަވާނެ ކަމެއް އެއީ. އެކަން ކުރުމަށް ޝަންގްރިއްލާގެ އޯނަރުންނާ ހަމައަށް ދިއުމަށް ނިންމައި، މީޓިން އަށް ދައުވަތު ދީފައިވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
ހޮންގްކޮންގްގައި ހޮޓާ ވިޔަފާރީގެ އެންމެ ބޮޑު އެއް ކުންފުނި، ޝަންގްރިއްލާއާ ގުޅިގެން ސ. ވިލިނގިލި ތަރައްގީކޮށް ހުޅުވީ 2005 ގައެވެ. ނަމަވެސް ކޮވިޑުގެ ދުވަސްވަރު އެތަން ވަނީ ބަންދު ކޮށްފައެވެ.
ޝަންގްރިއްލާ ރިސޯޓު އަލުން އޮޕަރޭޝަނަށް ގެނައުމަށް މަގުފަހިކުރުމަށް އެ ރިސޯޓުގައި އޮތް ސަރުކާރުގެ 30 ޕަސަންޓު ހިއްސާ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ދޫކޮށްލައިފައެވެ. އެ ރިސޯޓުގެ ބާކީ ހިއްސާ އޮންނަނީ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުގެ އަތުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު