އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް)ގެ ނަރުހެއްގެ މަސްތުވާތަކެއްޗާ ގުޅޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

އައިޖީއެމްއެޗް އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ އެ ހޮސްޕިޓަލުގެ ސިނިޔާ ނަރުހެއް މަސްތުވާތަކެތި ބޭނުންކުރާ ކަމަށް މީގެ ދެ ހަފުތާ ކުރިން ޝައްކު ކުރެވޭތީ ފުލުހުންނަށް އެ މައްސަލަ ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އެއީ ކުރިން ވޯޑް މެނޭޖަރެއްގެ މަގާމުގައި ހުރި ސިނިޔާ ނަރުހެއް ކަމަށާއި މީގެ ދެ މަސް ދުވަސް ކުރިން އޭނާގެ ޕާފޯމަންސްއަށް ބެލުމަށް ފަހު ވޯޑް މެނޭޖަރު ކަމުގެ މަގާމުން ވަކި ކުރި ކަމަށް ވެސް އައިޖީއެމްއެޗް އިން ބުންޏެވެ.

"އޭނާގެ އަމަލުތައް ހުރިގޮތުން ޝައްކުރެވުނީ. ޝައްކުރެވިގެން ބެލީ. މި ސަރުކާރަކުން މަސްތުވާތަކެތި ބޭނުންކުރުމާ މިކަންކަމަކީ އެއްވެސް ވަރަކަށް ތާއީދު ކުރާނެ ކަމެއްވެސް ނޫން އަދި ޓޮލަރޭޓެއް ކުރާނެ ކަމެއްވެސް ނޫން. އަޅުގަނޑުމެން (އައިޖީއެމްއެޗް) އިން ޕޮލިހުންނަށް އިންފޯމް ވެސް ކުރީ. ރައްޔިތުންނަށް ހިދުމަތްދޭ ތަނެއްގައި، އެކަހަލަ ކަމެއް ތުހުމަތު ކުރެވޭ ކަމަށް ވަންޏާ ފިޔަވަޅު އަޅާނެ. ފަހަތަށް ނުޖެހޭނެ،" އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން މިއަދު ބުނީ އައިޖީއެމްއެޗްގައި މަސައްކަތްކުރާ ނަރުހެއް މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެއް ފުލުހުނަންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.