މިއަދު ވެސް ރާއްޖޭގެ ބޮޑު ސަހަރައްދަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާގެ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ ކުރިއަށް ތިން ދުވަހު ވެސް މޫސުން ގޯސް ކަމަށާއި މޫސުން ރަނގަޅުވާނެ ކަމަށް ލަފާ ކުރެވެނީ އަންނަ ބުރާސްފަތި ދުވަހު ކަމަށެވެ.
އެންމެ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެނީ ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ކަމަށާއި ކުރިއަށް އޮތް 24 ގަޑި އިރު ވެސް ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެ ކަމަށެވެ. އަދި ހއ. އިން ތ. އަތޮޅަށް ޔެލޯއެލާޓު ނެރެފައިވާތީ، އެ އަތޮޅުތަކަށް ދަތުރު ކުރާ ފަރާތްތަކުން ދަތުރުކުރުމުގައި ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.
މިއަދުގެ މޫސުން ލަފާކުރާގޮތުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް، ދެކުނާއި ދެކުނު އުތުރުން ގަޑިއަކު 13 މޭލާއި 23 މެލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ރާއްޖޭގެ އެހެން ހިސާބުތަކަށް ގަޑިއަކު 18 މޭލާއި 28 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެއެވެ.
މެޓް އޮފީހުގެ ފާއިތުވި 24 ގަޑިއިރުގެ ތަފާތުހިސާބުތައް ދައްކާގޮތުން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ހުޅުލެއަށެވެ. އެއީ 48 މިލިލީޓަރުގެ ވާރޭއެވެ.
ޚަބަރު
ޚަބަރު
ޚަބަރު