މަސްވެރިކަން ކުރުމާ ބެހޭ ގަވާއިދުގައި ލޭނުގައި ޖެހި މަރުވާ މިޔަރު ޕްރޮސެސްކޮށް، އެކްސްޕޯޓް ކުރުމުގެ ހުއްދަ ދިނުމަށް ހިމަނައިފިއެވެ.
ރައީސް އޮފީހުގައި މީގެ ކުރިން ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ވަނީ ރާއްޖޭގައި ލޭނުގެ މަސްވެރިކަން ކުރުމަށް ހުއްދަ ދިނުމަށް ނިންމައި އެކަން އާންމުކޮށްފައެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ލޭނު މަސްވެރިކަމަށް ލައިސަންސް ދޫކުރާ އުޅަނދުފަހަރުތަކުގައި މިޔަރަށް އަމާޒުކޮށްގެން މަސްވެރިކަން ކުރުމަކީ ގަވާއިދުގެ ދަށުން މަނާކަމެއް ކަމަށެވެ. އަދި ގަވާއިދު ފަރުމާކުރުމުގައި ލޭނު މަސްވެރިކަމުގައި ހިފޭ މިޔަރު ފަދަ މަސްވެރިކަމުގައި ހިފޭ ބައިކެޗް މަދުކުރުމުގެ ގޮތުން ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތައް ހިމަނާފައިވާނެ ކަމަށެވެ.
އެގޮތުން ބައިކެޗްގެ ގޮތުގައި ހިފޭ މިޔަރު މަދުކުރުމުގެ ގޮތުން އުޅަނދުގައި ބޭނުންކުރާ ލޭނުކޮޅު (ބްރާންޗު ލައިން) ގެ މިޔަވާލި (ލީޑަރު)ގެ ގޮތުގައި ވަޔަރު ނުވަތަ ނަރު (ވަޔާ ޓްރޭސް) ބޭނުންކޮށްގެން ނުވާނެ ކަމަށް ގަވާއިދުގައި ހިމަނައިފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
"ލޭނު މަސްވެރިކަމުގައި ހިފޭ މިޔަރު އަދި މަސްވެރިކަމުގައި އަމާޒުނުކުރާ ބާވަތްތައް (ބައިކެޗް) ދުނިޔެ ގަބޫލުކުރާ ބެސްޓް ޕްރެޓިސްތަކާއި ހަމަތަކުގެ މަތިން އެއްގަމަށް ގެނެސް، މިޔަރުގެ ބާވަތްތައް ޕޮރޮސެސްކުރުމުގެ ހުއްދަ އޮތް ފެސިލިޓީތަކުން ޕްރޮސެސްކުރުމުގެ ފުރުސަތު މި ގަވާއިދުގެ ދަށހުން ފަހިވެގެންދާނެއެވެ. މިއީ ދިވެހިރާއްޖޭގައި މިޔަރު މަސްވެރިކަން ކުރުމަށް ހުޅުވާލުން ނޫން ކަމަށާއި އަދި ހުޅުވާލުމުގެ ވިސްނުމުގައި އަޅާ ފިޔަވަޅެއް ވެސް ނޫންކަން ފާހަގަ ކުރަމެވެ..،" ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
"ލޭނުކޮޅުގައި ޖެހޭ މިޔަރުގެ ތެރެއިން ލޭނު ނަގާއިރު މަރުނުވެ އޮންނަ މިޔަރު ވީހާވެސް އަވަހަށް ދޫކޮށްލަންވާނެ ކަމަށާއި މިގޮތަށް މިޔަރު ދޫކޮށްލާއިރު މިޔަރަށް ލިބޭ އަނިޔާ ކުޑަކުރުމަށްޓަކައި ބުޅި ނައްޓާ އާލަތް (ޑީ-ހުކާ) އަދި ލޭނުކޮޅު ބުރި ކުރާ އާލަތް (ލައިންކަޓާ) ބޭނުންކޮށްގެން މިޔަރުގެ އަނގައާ ނުވަތަ ބުޅިއާ ވީހާވެސް ކައިރިން ނަނު ބުރިކޮށްލަން އިރުޝާދު ދީފައިވާނެއެވެ..،"
ލޭނުކޮޅުގައި ޖެހޭ މިޔަރުގެ ތެރެއިން ލޭނު ނަގާއިރު މަރުވެފައިވާ މިޔަރު ބަނދަރަށް ގެންދާއިރު ހުންނަންވާނީ މިޔަރުގެ އެއްވެސް އުރަހެއް އޭގެ ހަށިގަނޑުން ވަކިނުކޮށް ކަމުގައި ކަމަށް ވެސް ގަވާއިދުގައި ވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އެއީ ދުނިޔޭގެ ފެންވަރުގައި ވެސް ބަލައިގަނެފައިވާ ލޭނު މަސްވެރިކަމުގެ ބެސްޓް ޕްރެކްޓިސް ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ލޭނުގެ މަސްވެރިކަމަށް ހުއްދަ ދިނުމަށް ސަރުކާރުން ހުޅުވާލީ ފާއިތުވެދިޔަ އަހަރުތަކުގައި ލޭނުގެ މަސްވެރިކަމުން ލިބުނު ތަޖުރިބާއަށް ބެލުމަށްފަހު ކަމަށެވެ. ލޭނުގެ މަސްވެރިކަމަކީ ދިވެހިންނަށް ފައިދާހުރި އަދި ގާނޫނާއި ގަވާއިދާ އެއްގޮތަށް ކުރާ މަސްވެރިކަމެއްކަން ކަށަވަރުކުރުމަށް ހާއްސަ މައްދާތާކެއް ހިމަނައިފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އެގޮތުން ލޭނުގެ މަސްވެރިކަން ކުރުމަށް ހުއްދަދޭ އުޅަނދުތަކުގައި ފަޅުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކޮންމެހެން ހުންނަންޖެހޭ ހަމަތަކެއް ގަވާއިދުގައި ބަޔާންކޮށްފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އަދި އުޅަނދުގައި ކުރާ މަސްވެރިކަމުގެ ހަރަކާތްތައް ރަނގަޅަށް މޮނިޓާކޮށް ބެލެހެއްޓުމުގެ ގޮތުން އުޅަނދުގައި ވެސަލް ލޮކޭޓިން ޑިވައިސްއަކާއި އިލެކްޓްރޯނިކް މޮނިންޓަރިން ސިސްޓަމެއް ހަރުކުރުމުގެ އިތުރުން ކޮންމެ މަސްދަތުރަކަށް ފުރުމުގެ ކުރިން ޑިޕާޗާ ކްލިއަރެންސް ހޯދުމަށް ލާޒިމު ކޮށްފައިވާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
ލޭނު މަސްވެރިކަން ކުރުމަށް ހުއްދަ ސަރަހައްދެއް ކަމަށް ކަނޑައަޅައިފައިވަނީ މިނިސްޓްރީއަށް ލިބިފައިވާ މައުލޫމާތާއި ތަފާސްހިސާބުތަކަށް ރިއާޔަތްކޮށް، ކަންނެލީގެ އަތު ނަނުގެ މަސްވެރިން އާއްމުކޮށް ހަރަކާތްތެރިވާ ސަރަހައްދުން ބޭރުގެ ސަރަހައްދެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
"މިއީ ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިނުން ފެށިގެން 100 މޭލު ބޭރުގެ ސަރަހައްދުގެ ތެރެއިން 6 ޑިގްރީ އުތުރު ތޫލްއިން ފެށިގެން ދެކުނަށް އޮންނަ ސަރަހައްދެވެ..،" ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
ރާއްޖެއިން ބާނާ ކަނޑުމަހުގެ ބާވަތްތަކަކީ ދުރު ރާސްތާއަށް ހިޖުރަކުރާ އަދި މުޅި އިންޑިއާ ކަނޑަށް ފެތުރިފައިވާ އެއް އާބާދީއަކުން ގިނަ ގައުމުތަކުން މަސްވެރިކަންކުރާ ބާވަތްތަކެއް ކަމަށް މިނިސްޓްރީން ބުންޏެވެ. އެހެންވެ އިންޑިއާ ކަނޑުގެ ކަނޑުމަސްވެރިކަން ބަލަހައްޓާ ސަރަހައްދީ ޖަމިއްޔާ "އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ)" އިން ދަނީ އެ ބާވަތްތަކުގެ މަސްވެރިކަން ރާވައި ހިންގަމުން ކަމަށް މިނިސްޓްރީން ބުންޏެވެ.
އައިއޯޓީސީގެ ގަރާރަކުން ވަނީ އިންޑިއާ ކަނޑުގެ ލޯބޮޑު ކަންނެލި އަދި ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް ދެމެހެއްޓުމަށް، އެ ސްޓޮކުން ކޮންމެ ގައުމަކަށް ވެސް ބޭނޭނެ އެންމަ މަތީ މިންވަރެއް ގަރާރަކުން ފާސްކޮށްފައި ކަމަށް މިނިސްޓްރީން ބުންޏެވެ.
"މިގޮތުން ލޯބޮޑު ކަންނެލި ބޭނޭނެ އެންމެ މަތީ މިންވަރު ނުވަތަ ކޯޓާއެއްގެ ގޮތުގައި ދިވެހިރާއްޖޭގެ އުޅަނދުފަހަރުތަކުން ބޭނުމަށް ލިބިފައިވަނީ އަހަރަކު 2،000 ޓަނެވެ. އަދި ރީނދޫއުރަހަ ކަންނެލި ބޭނޭނެ މިންވަރު ނުވަތަ ކޯޓާއެއްގެ ގޮތުގައި ލިބިފައިވަނީ އަހަރަކަށް 47،000 ޓަނެވެ. އެހެން ނަމަވެސް، ވޭތުވެދިޔަ ދެ އަހަރު ވެސް ދިވެހިރާއްޖޭގެ އުޅަނދުތަކުން ރީނދޫއުރަހަ ކަންނެލި ބާނާފައިވަނީ ގާތްގަނޑަކަށް 30،000 ޓަނެވެ..،" ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
އެކަމުގެ ނަތީޖާއެއްގެ ގޮތުން މުސްތަގުބަލުގައި ކޯޓާ މުތާލިއާ ކުރާ އިރު، ގައުމުތަކުން މަސްބާނާ މިންވަރަށް ބަލައި، ރާއްޖެއަށް މިހާރު ލިބިފައިވާ ކޯޓާ ކުޑަވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ. އެހެންކަމުން ރާއްޖެއަށް ލިބިފައިވާ ކޯޓާ އެންމެ ފުރިހަމައަށް ބޭނުންކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
ލޭނުގެ މަސްވެރިކަމަށް ހުޅުވާލުމަށް ކެބިނެޓުން ނިންމީ އެހެންވެގެން ކަމަށް މިނިސްޓްރީން ބުންޏެވެ. ސަރުކާރުގެ އަމާޒަކީ މަސްވެރިކަމާއި އެހެނިހެން އިގުތިސޯދީ މަސައްކަތްތަކުން ލިބޭ އާމްދަނީ އިތުރުކުރުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ލޭނު މަސްވެރިކަން ކުރުމުގެ ގަވާއިދަށް އާންމުންގެ ހިޔާލު ހޯދުމަށް މިމަހުގެ ފަސްވަނަ ދުވަހު ހުޅުވާލެވިފައިވާނެ ކަމަށާއި ގަވާއިދަށް ހިޔާލު ހުށަހެޅުމުގެ މުއްދަތު މިމަހުގެ 18 ގައި ހަމަވާނެތީ އެއަށްވުރެ ކުރިން ހިޔާލު ހުށަހެޅުމަށް ހުޅުވާލާ ކަމަށެވެ. [email protected] މެދުވެރިކޮށް ހިޔާލު ހުށަހެޅެން ހުންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު