ދައުލަތުން އެންމެ ބޮޑު އަދަދަކަށް ދަރަނި ދައްކަން ޖެހެނީ 2026 ވަނަ އަހަރު ކަމަށާއި، އެއިން ބައެއް އަދާކުރުމަށްޓަކައި އަންނަ 2025 ވަނަ އަހަރު 300 މިލިއަން ޑޮލަރުގެ ލޯނެއް ނެގުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، އެ މިނިސްޓްރީން މަޖިލީހަށް ފޮނުވާފައިވާ ކުއާޓަލީ ޑެޓް ބުލެޓިން، ފިސްކަލް ސްޓްރެޓަޖީ އަންގައިދޭ ބަޔާން އަދި މެދުރާސްތާގެ ދަރަނީގެ ސްޓްރެޓަޖީ އަންގައިދޭ ބަޔާނާ ގުޅޭގޮތުން މިނިސްޓަރާއި، އެ މިނިސްޓްރީގެ އިސް ބޭފުޅުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރު މިއަދު ވިދާޅުވީ، ދަރަނީގެ ގޮތުގައި 2026 ވަނަ އަހަރު ދައުލަތުން، އެއްފަހަރާ 500 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ.

އެ ދަރަނިން ބައެއް ދެއްކުމަށްޓަކައި 300 މިލިއަން ޑޮލަރު ނަގާނީ އެއްފަހަރާ ދެއްކުމުގެ ބަދަލުގައި އަހަރުތަކަށް ބަހާލައިގެން ދައްކާ ގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު ދަރަނީގެ ގޮތުގައި އެއްފަހަރާ 100 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށާއި އެހެނިހެން ދަރަނިތަކާއެކު، އެ އަހަރު ޖުމުލަ 500 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ.

އޭގެ އިތުރުން 2026 ވަނަ އަހަރު އެއްފަހަރާ 500 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށާއި އެ އަހަރު ދައްކަން ޖެހޭ ދަރަނީގެ ޖުމުލަ އަދަދު އެއް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.