ކުރިއަށް އޮތް 2025 ވަނަ އަހަރާއި 2026 ވަނަ އަހަރު ދައުލަތުން ދައްކަން ޖެހޭ ދަރަނިތައް ދެއްކުމަށްޓަކައި ބޭރު ފައިސާ އިން އާމްދަނީ އިތުރު ކުރުމަށްޓަކައި އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސް ނުވަތަ އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖު (އޭޑީސީ) އާއި ގްރީން ޓެކްސް ބޮޑުކުރަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރު މިހެން ވިދާޅުވީ، އެ މިނިސްޓްރީން މަޖިލީހަށް ފޮނުއްވާފައިވާ ކުއާޓަލީ ޑެޓް ބުލެޓިން، ފިސްކަލް ސްޓްރެޓަޖީ އަންގައިދޭ ބަޔާން އަދި މެދުރާސްތާގެ ދަރަނީގެ ސްޓްރެޓަޖީ އަންގައިދޭ ބަޔާނާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީ އާއި އެ މިނިސްޓްރީގެ އިސް ބޭފުޅުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

މާލިއްްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، އެ ބަޔާނުގައި ދައުލަތުގެ ދަރަނި ދެއްކުމަށް ބައެއް ޓެސްކްތައް ބޮޑުކުރަން ހިމަނާފައިވާތީ، މެންބަރުން ކުރެއްވި ސުވާލުތަަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރައްޔިތުންނާ ގުޅުންހުރި ޓެކްސްތައް ބޮޑުކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށެވެ.

ނަމަވެސް ދައުލަތަށް ދިމާވެފައިވާ އެންމެ ބޮޑު ކަންބޮޑުވުމަކީ އަންނަ 2025 ވަނަ އަހަރާއި 2026 ވަނަ އަހަރު ދައުލަތުން ދައްކަން ޖެހޭ ބޭރު ދަރަނީގެ އަދަދު ބޮޑުވުން ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެކަން ހަމަޔަކަށް އަޅުވައި ދަރަނީގެ ދެމެހެއްޓުން އިތުރުކުރަން މާލީ އިސްލާހީ ފިޔަވަޅުތަކެއް މިހާރުން މިހާރަށް ތަންފީޒު ކުރަންޖެހޭ ކަމަށެވެ.

ދައުލަތުގެ ބޭރު ދަރަނިތައް ޑޮލަރުން ދައްކަން ޖެހޭ އިރު، އެކަމަށްޓަކައި ދައުލަތުުގެ އާމްދަނީ އިތުރުކުރުމުގެ ގޮތުން އެޅުމަށް ހަމަޖެހިފައިވާ މާލީ އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން، ސަރުކާރުގެ ވިސްނުމަކީ ޑޮލަރުން އާމްދަނީ ހޯދުން ކަމަށް ޝަފީގު ވިދާޅުވިއެވެ.

އެގޮތަށް އާމްދަނީ އިތުރު ކުރުމަށްޓަކައި، އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސް އާއި ސިއްހަތަށް ގެއްލުން ހުރި ބާވަތްތަކުން ނަގާ ޑިއުޓީ އާއި ގްރީން ޓެކްސް މުރާޖައާކޮށް ބޮޑުކުރުމަށް ނިންމާފައިވާކަން މިނިސްޓަރު ހާމަކުރެއްވިއެވެ. އޭގެ އިތުރުން ރާއްޖޭގެ އިގުތިސާދަށް ތަފާތު ހަރަކާތްތައް އިތުރުކުރުމާއި، ޖީއެސްޓީގެ އިދާރީ ގާނޫނު މުރާޖައާކޮށް ޓެކްސް ބޭސް ފުޅާކުރުން އެ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ 2025 ވަނަ އަހަރު ދަރަނީގެ ގޮތުގައި އެއްފަހަރާ 100 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށާއި އެހެނިހެން ދަރަނިތަކާއެކު، އެ އަހަރު ޖުމުލަ 500 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ.

އޭގެ އިތުރުން 2026 ވަނަ އަހަރު އެއްފަހަރާ 500 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށާއި އެ އަހަރު ދައްކަން ޖެހޭ ދަރަނީގެ ޖުމުލަ އަދަދު އެއް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ދައުލަތް ބަނގުރޫޓު ނުވެ، އެ ދަރަނިތައް އަނބުރާ ދައްކަން މަގުފަހިކުރުމަށް އާމްދަނީ ހޯދުމުގެ ސިޔާސަތުތަކަށް ބަދަލުތައް ގެންނަން ރާވާފައިވާ އިރު، އޭގެ ތެރޭގައި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާ ޑޮލަރުގެ އަދަދު އިތުރުކުރުން ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.

ޑޮލަރު ލިބޭ ޓެކްސްތައް ބޮޑުކުރަން ނިންމާފައިވަނީ އެކަމަށްޓަކައެވެ.