އެމެރިކާގެ ކެލިފޯނިއާގައި ބާއްވާ ދުނިޔޭގެ ހަވަނަ ކެރަމް ވޯލްޑް ކަޕަށް ދާން ރާއްޖޭގެ 10 ކުޅުންތެރިޔަކު ތައްޔާރުވަމުންދާ ކަމަށް ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ކޭމް) އިން ބުނެފިއެވެ.

ކެރަމްގެ އެންމެ މަތީ ފަންތީގެ މުބާރާތް މިއަހަރު އެމެރިކާގެ ކެލިފޯނިއާގައި އޮންނާނީ ނޮވެމްބަރު މަހުގެ 10 އިން 17 އަށެވެ. އެ މުބާރާތުގައި ދުނިޔޭގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިން ބައިވެރިވާނެއެވެ. ރާއްޖޭގެ ކެރަމް އެސޯސިއޭޝަނުން މިހާރުވެސް މުބާރާތަށް ތައްޔާރުވަމުންދާ އިރު، އެސޯސިއޭޝަނުން "ވަން ސްޕޯޓްސް" އަށް މައުލޫމާތު ދިން ގޮތުގައި މުބާރާތަށް ރާއްޖެއިން ދާނީ ފަސް ފިރިހެން އަދި ފަސް އަންހެން ކުޅުންތެރިންނެވެ. އެ ކުޅުންތެރިން ހޮވާފައި ވަނީ ސެލެކްޝަންޝަން މެޗުތަކަކަށްފަހުއެވެ.

ރާއްޖެއިން މުބާރާތަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން ގައުމީ ސްކޮޑަށް ކޯޗެއްވެސް މިހާރު ވަނީ ހަމަޖައްސައިފައެވެ. އެގޮތުން ދުނިޔޭގެ ޗެމްޕިއަންކަން ދެފަހަރު ހޯދާފައިވާ ތަޖުރިބާކާރު ކެރަމް ކުޅުންތެރިޔާ ޕްރަޝާންތު މޯރޭ، އަންނަ ސެޕްޓެމްބަރު މަހު ރާއްޖެ އަންނަ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މިވަގުތު ކެރަމް އެސޯސިއޭޝަންގެ ފަރާތުން ފަންޑިންގެ މަސައްކަތްތައް ކުރަމުންދާ އިރު، އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ރައުޝާން އަހުމަދު "ވަން ސްޕޯޓްސް" އަށް ވިދާޅުވީ ސަރުކާރުން މިވަގުތު ވެސް އެސޯސިއޭޝަނަށް އެއްބާރުލުން ދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ. އެގޮތުން ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއާ ބައްދަލުކުރުމުން، އެސޯސިއޭޝަނަށް ފަންޑިންގެ ކަންތަކުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށްވެސް ރައުޝާން ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން ރައުޝާން ވިދާޅުވީ އިތުރު ގޮތްގޮތުން ސްޕޮންސާޝިޕް ހޯދުމަށް ވެސް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.

ގައުމީ ކެރަމް ސްކޮޑުން އެމެރިކާގެ ވިސާ ޖެހުމުގެ ކަންތައްތަކަށް މިވަގުތު ސްރީ ލަންކާއަށް ފުރަން ތައްޔާރުވެފައިވާ އިރު، އެސޯސިއޭޝަނުން ވަނީ ދުނިޔޭގެ އެންމެ ވަރުގަދަ މުބާރާތަށް ދިޔުމުގެ ކުރިން މާލެއިން ބޭރު ރަށެއްގައި ޓްރެއިނިން ކޭމްޕެއްވެސް ފުރިހަމަ ކުރަން ނިންމައިފައެވެ.

  • އިސްމާއީލް އަޒްމީން
  • އިބްރާހީމް ހުޖާން އަލީ
  • ހަސަން ނާޒިމް
  • މުހައްމަދު މުންތަސިރު
  • ހާތިމް ހަލީލް
  • އައިމިނަތު ވިދާދް
  • އައިޝަތު ނަހުފާ
  • އައިޝަތު ފައިނާޒް
  • ފާތިމަތު ރަޔާނާ
  • އައިމިނަތު ޝުބާ އާދަމް

ދާދިފަހުން ކޭމްއިން ވަނީ އޭޝިއާގެ އެންމެ ބޮޑު ކެރަމް މުބާރާތް ރާއްޖޭގައި ހޯސްޓް ކޮށްފައެވެ. އެ މުބާރާތުގެ ފިރިހެން ޑަބަލްސް ފައިނަލުގައި ވާދަކޮށް ރާއްޖޭގެ އިސްމާއިލް އަޒްމީން އާއި ހަސަން ނާޒިމް (ނާނަ) ގެ ޕެއާއިން ވަނީ ރިހި މެޑަލް ހޯދައިފައެވެ. އަދި ފިރިހެން ޓީމަށް ރިހި މެޑަލް، އަންހެން ޓީމަށް ލޯ މެޑަލް ލިބިފައިވެއެވެ.

ރާއްޖެއަކީ މިވަގުތު ކެރަމްގެ ދުނިޔޭގެ ރޭންކިންގެ ތިންވަނައިގައި އޮތް ގައުމެވެ. އެހެންކަމުން ކެރަމް ވޯލްޑް ކަޕްގައިވެސް ރާއްޖެއަށް ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމުގެ ބޮޑު އުންމީދެއް އެބައޮތެވެ. މިއަހަރުގެ ކެރަމް ވޯލްޑް ކަޕްގެ ތެރެއިން ދުނިޔޭގެ ކެރަމް ފެޑަރޭޝަންގެ ކޮންގްރެސްވެސް ކުރިއަށް ދާނެއެވެ.