ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް އިންވެސްޓުކުރަން ބަހުރެއިނާއެކު މަޝްވަރާތަކެއް ކޮށްފިއެވެ.

އެ މަޝްވަރާތައް ކޮށްފައިވަނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ބަހުރެއިނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން މިއަދެވެ.

ޒަމީރު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަޝްވަރާތަކުގައި ބަހުރެއިން ޓޫރިޒަމް އެގްޒިބިޝަން އޮޓޯރިޓީގެ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވާ އެ ގައުމުގެ ޓޫރިޒަމް މިނިސްޓަރު ފާތިމަ އަލް ސަރަފީ ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. އަދި ފާތިމަ އަލް ސަރަފީ ވަނީ ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ތައުރީފު ކުރައްވާފައި ކަމަށް ޒަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން ޒަމީރު ވިދާޅުވީ ޓޫރިޒަމްގެ ދާއިރާއިން ރާއްޖެއާއި ބަހުރެއިން ގުޅިގެން ކުރެވޭނެ ކަންތައްތަކާއި ރާއްޖޭގައި އިންވެސްޓުކުރަން ހުރި ފުރުސަތުތަކާ ބެހޭގޮތުން ފާތިމަ އަލް ސަރަފީއާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ޒަމީރު ބަހުރެއިނަށް ވަޑައިގެންނެވީ އެ ގައުމުގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ލަތީފު ބިން ރާޝީދު އަލް ޒަޔާނީގެ ދައުވަތަކަށެވެ.

އެ ދަތުރުގެ ތެރެއިން ޒަމީރު ވަނީ އިއްޔެ ބަހުރެއިންގެ ވަލީއަހްދު އަދި ބޮޑުވަޒީރު ސަލްމާން ބިން ހަމަދު އަލް ޚަލީފާއާ ބައްދަލުކުރައްވައިފައެވެ. އަދި ބަހުރެއިންގެ ފިނޭންސް އެންޑް ނެޝަނަލް އިކޮނޮމީ މިނިސްޓަރު ޝައިހު ސަލްމާން ބިން ހަލީފާ އަލް ހަލީފާ އާއި ފޮރިން މިނިސްޓަރު އަބްދުﷲ އާތިފު ބިން ރާޝިދު އަލް ޒަޔާނީއާ ވެސް ވަނީ ބައްދަލުކުރައްވައިފައެވެ.

ބަހުރެއިނަށް ކުރައްވާ ދަތުރު ނިންމަވައިލެއްވުމަށްފަހު ޒަމީރު ރާއްޖެ ވަޑައިގަންނަވާނީ އަންނަ ބުރާސްފަތި ދުވަހުއެވެ.