ރާއްޖޭގައި މިވަގުތު ތެލެސީމިއާގެ ހާލަތު އޮތީ އިތުރަށް ވިސްނައި ހޭލުންތެރިވާންޖެހޭ ފަދަ ހާލަތެއްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ފަސްޓްލޭޑީ މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

މެޑަމް ސާޖިދާ މިހެން ވިދާޅުވީ ދިހަ އަހަރު ދުވަހުގެ ތެލެސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓާ ޕްލޭން 2024-2034 ވެލިޑޭޝަން މަސައްކަތު ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.

އެ މަސައްކަތު ބައްދަލުވުމުގައި ސާޖިދާ ވިދާޅުވީ އެ ބައްދަލުވުމަކީ ވަރަށް މުހިންމު ގައުމީ މަސައްކަތެއްގެ އިތުރުން އިންސާނީ ހިދުމަތެއް ކަމަށެވެ.

"ނިސްބަތުން މި ސަރަހައްދުގައި ދިވެހީންގެ ތެރޭގައި ތެލެސީމިއާގެ ހާލަތު އޮތީ އިތުރަށް ވިސްނައި ހޭލުންތެރިވާން ޖެހޭ ފަދަ ހާލަތެއްގައި. އެގޮތުން މިހާރުވެސް 955 ކުއްޖަކު ސިއްހީ މި ހާލަތާ ގުޅިގެން ރަޖިސްޓަރީ ކުރެވިފައި އެބަ ތިބި. އަދި 666 ކުއްޖަކު ދަނީ ފަރުވާ ހޯދަމުން،" އެކަމަނާ ވިދާޅުވިއެވެ.

މި ސަރުކާރުން، މި ބޮޑު ގައުމީ މައްސަލައަށް ދެއްވާ ހާއްސަ އިސްކަމުގެ ތެރެއިން ވޭތުވެދިޔަ އަށް މަސްދުވަހުގެ ތެރޭގައި 14 ކުދިން ރާއްޖެއިން ބޭރަށް ބޯންމެރޯ ޓްރާންސްޕްލާންޓޭޝަން ހެދުމަށްޓަކައި ފޮނުވާފައިވާ ކަމަށާއި އޭގެ ތެރެއިން އެއް ކުއްޖަކު މިހާރު ފަރުވާ ފުރިހަމަކޮށް ހެޔޮ ހާލުގައި އެނބުރި ރާއްޖެ އައިސްފައިވާކަން ސާޖިދާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުންވެސް ތެލެސީމިއާގެ ހާލަތު ރާއްޖޭގައި ރަނގަޅުކޮށް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށްވެސް އެކަމަނާ އަލިއަޅުވާލެއްވިއެވެ.