ކުރިއަށް އޮތް ތިން ދުވަހު މާލެއަށް އެއް މަސް ދުވަހުގެ ވާރޭ ވެހުން އެކަށީގެންވާ ކަމަށް އަލްޖަޒީރާގެ އިންޓަނޭޝަނަލް ވެދާ ރިޕޯޓުގައި ބުނެފިއެވެ.

އަލްޖަޒީރާއިން މިއަދު ގެނެސްދިން މޫސުމާ ބެހޭ ރިޕޯޓުގައި ބުނީ، ރާއްޖޭގެ އުތުރާއި ވެރިރަށް މާލެއަށް ކުރިއަށް އޮތް 72 ގަޑިއިރުގެ ތެރޭގައި އެއް މަސް ދުވަހުގެ ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

މެޓް އޮފީހުން "ވަން" އަށް މިއަދު ބުނީ ރާއްޖެއަކީ އަބަދުވެސް ވާރޭ ވެހޭ ގައުމެއް ކަމުން، މި ކަމަކީ އާންމު ކަމެއް ކަމަށެވެ. ރާއްޖޭގައި އެކި މަސްތަކުގައި ވާރޭ ވެހޭ މިންވަރު ތަފާތުވާ ކަމަށާއި އެގޮތުން ޖެނުއަރީ ނޫނީ ފެބްރުއަރީގައި 100 މިލިމީޓަރަށް ވެސް ވާރޭ ވެހިދާނެ ކަމަށެވެ. ހުޅަނގު މޫސުމުގައި މެއި މަހު 500-600 މިލިމީޓަރުގެ ވާރޭ ވެހިދާނެ ކަމަށެވެ.

"އަލްޖަޒީރާއިން އެގޮތަށް ބުނެދީފައި އެވަނީ އިންޓެސިޓީ ދައްކުވައިދޭން ކަމަށް ބެލެވެނީ. އެއީ ހަނަފަސް ތަންތަނަށް މިގޮތަށް ވާރޭ ނުވެހޭތީ. ރާއްޖެއަކީ އަބަދުވެސް ވާރޭ ވެހޭ ގައުމަކަށްވާތީ އެކަމަކީ އާ ކަމެއް ނޫން. އެއަށްވުރެ ވެސް ގިނައިން އެބަހުރި އެއް ދުވަސް ތެރޭވެސް ވެހިފަ،" މެޓް އޮފީހުން ބުންޏެވެ.

މެޓުން ބުނީ ރާއްޖެއަށް މޫސުން ވަރަށް ގޯސް ކަމަށާއި ކުރިއަށް އޮތް 24 ގަޑި އިރުގެ ތެރޭގައި ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. މިހާރުވެސް އުތުރުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހެމުންދާތީ އެ ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައިވާ ކަމަށެވެ.

މި ހަފުތާގައި ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށް ބެލެވޭތީ، ރާއްޖޭގެ ބޮޑޮބަޔަކަށް ގުގުރުމާ އެކު، ވިއްސާރަކޮށް މޫސުން ވަރަށް ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިދިޔަ ހަފުތާގައި ވަނީ ލަފާކޮށްފައެވެ.

އެގޮތުން މިއަދު މެޓް އޮފީހުން ވަނީ ގަދަވަޔާއެކު މޫސުން ގޯސްވެ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައެވެ. އެގޮތުން މިއަދުގެ ހެނދުނު 9:00 އިން 15:00 އަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް ލަފާކޮށްފައެވެ. މެޓް އޮފީހުން އާންމުކޮށްފައިވާ ހިސާބުތަކުގައިވާ ގޮތުގައި، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެއަށް ވަނީ 30.8 މިލިމީޓަރު ވާރޭވެހިފަ އެވެ. ހުޅުލެއަށް 59.4 މިލިމީޓަރުގެ ވާރޭ އަދި ހުޅުމާލެއަށް 31.5 މިލިމީޓަރުގެ ވާރޭވެހިފައިވެ އެވެ.

އިހުގެ މަސްވެރީން ބުނާގޮތުގައި، މިހާރު މި ކުރަނީ ހުޅަނގުގެ ގަދަ ނަކަތެއް ކަމަށްވާ މާ ނަކަތުގެ ވިއްސާރައެވެ. މާނަކަތް ފެށުނީ އިއްޔެ އެވެ. ނިމޭނީ މި މަހުގެ 23 ވަނަ ދުވަހުއެވެ.

ވައި ގަދަވެ ވައިގެ ބާރު މިނުގައި 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނެއް ހުންނާނެ ކަމަށް ލަފާކޮށްފައިވާއިރު ވިލާގަނޑުގައި 45 މޭލަށް ވައިދަގަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުގެ ރެކޯޑް ކޮށްފައިވާ ގޮތުން ފާއިތުވި 24 ގަޑިއިރުތެރޭ ވާރޭ އެންމެ ގިނައިން ވެހިފައިވަނީ އދ. މާމިގިއްޔަށެވެ. އެއީ 62.0 މިލިލީޓަރުގެ ވާރޭއެވެ.