ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ރަސްމީ ދަތުރެއްގައި ބަހްރެއިނަށް ވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ދަތުރަކީ ބަހްރެއިންގެ ފޮރިން މިނިސްޓަރު ޑރ. އަބްދުއްﷲ ލަތީފު ބިން ރާޝީދު އަލް ޒަޔާނީގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ.

އެ ދަތުރުގެ ތެރެއިން ދެ ބޭފުޅުންގެ ދެމެދު މަތީ ފެންވަރުގެ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާނެ ކަމަށާއި އެ ބައްދަލުވުންތަކުގައި ބަހްރެއިންއާއި ރާއްޖެއާ ދެމެދު އޮތް ދުވަސްވީ ގުޅުމާ ގުޅޭ ގޮތުންނާއި ދެ ގައުމުގެ މެދުގައި އެއްބާރުލުން ދެވޭނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ، ޒަމީރުގެ ދަތުރުގެ ތެރެއިން އެ ގައުމުގެ ސަރުކާރުގެ އިސް ބޭފުޅުންނާވެސް ބައްދަލުކުރައްވާނެ ކަމަށެވެ. އެގޮތުން ބަހްރެއިންގެ ފިނޭންސް އެންޑް ނޭޝަނަލް އިކޮނޮމީ މިނިސްޓަރު، އޮއިލް އެންޑް އެންވަޔަރަމެންޓް މިނިސްޓަރު އަދި ޓޫރިޒަމް މިނިސްޓަރާ ބައްދަލުކުރައްވާނެ ކަމަށް ބުންޏެވެ.

ބަހްރެއިނަށް ކުރައްވާ ދަތުރު ނިންމާލެއްވުމަށްފަހު ޒަމީރު ރާއްޖެ ވަޑައިގަންނަވާނީ މި މަހުގެ 15 ގައެވެ.

ޒަމީރުގެ އަރިހުގައި ބަހްރެއިނަށް ވަޑައިގަންނަވާ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖު އަހުމަދު ނަސީރު، ފޮރިން ސެކްރެޓަރީ ޑރ. ހާލާ ހަމީދު، ޖޮއިންޓް ސެކްރެޓަރީ މަރިޔަމް ރީޝާ އަދި އެސިސްޓެންޓް ޑިރެކްޓާ މިޒްނާ ވަހީދެވެ.