ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ހެދުމަށް، އެ ޕާޓީއަށް މެންބަރުން އިތުރުކުރުމަށް މުޅި ރާއްޖޭގައި ގިނަ ހަރަކާތްތަކެއް ފަށައިފިއެވެ.
ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު "ވަން" އަށް މިއަދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށްތައް ހިމެނޭހެން ކުރިއަށް ގެންދާ އެ ހަރަކާތްތައް މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ.
ފަލާހް ވިދާޅުވީ ކުރިޔަށް އޮތް ތިން މަސް ތެރޭ ޕީއެންސީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ހަދަން މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމަނާފައި ހުރި ތަރައްގީގެ ޕްލޭނުތައް ނިންމުމަށާއި އެމަނިކުފާނުގެ ރިޔާސީ ވައުދުތައް ފުއްދުމަށް ޕީއެންސީއާ ވީހާވެސް ގިނަ ބަޔަކު ގުޅުމަކީ އެޕާޓީގެ އެދުން ކަމަށް ފަލާހް ވިދާޅުވިއެވެ.
"މިއުޅެނީ މުޅި ރާއްޖެއިން ޕީއެންސީއަަށް މެންބަރުން އިތުރުކުރުމުގެ ކެންޕޭނުތަކެއް ޖައްސައިގެން. ޕީއެންސީއަށް ވީހާވެސް ގިނަ އަދަދަކަށް. ވަކި އަދަދެއް ނޫން. އެއީ ހަމަ ވެއްދުނުހާ ގިނަ މެންބަރުން. މި އަހަރުގެ ނޮވެމްބަރުގެ 15 ވަނަ ދުވަހަ ހަމަޔަށް ހާއްސަ އަހަންމިއްޔަތު ކަމެއް ދީގެން ކުރިޔަށްގެންދާނެ،" ފަލާހް ވިދާޅުވިއެވެ.
މިއަދުގެ ހަރަކާތް ކުރިޔަށްގެންދަނީ ވިލިމާލެ އާއި މާލޭގެ މާފަންނުގައި ކަމަށާއި ކޮންމެ ހަފުތާއަކު މާލޭ އޭރިޔާގައިވެސް ޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ ކެންޕޭން ކުރިޔަށް ގެންދާނެ ކަމަށް ފަލާހް ވިދާޅުވިއެވެ.
"މިދިޔަ ހަފުތާގައިވެސް ހަ ދާއިރާއެއްގައި ކުރިޔަށް ގެންދިޔަ. މިހަފުތާގައި ވެސް ހަ ދާއިރާއެއްގައި މަސައްކަތް ކުރިޔަށްގެންދޭ އެބަ. މުޅި ރާއްޖެ ކަވާކުރާނެ ސެޕްޓެމްބަރު އޮކްޓޯބަރު ދެ މަސްތެރޭ. މިއަދުވެސް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިޔަށް މިގެންދަނީ. ގްރޫޕު ލީޑަރަކަށް މާފަންނުގައި އަސްމާއްތަ. އަނެއް ގްރޫޕުގައި ވިލިމާލެ ދާއިރާގައި މުހައްމަދު އިސްމާއިލް. އެ ދެ ބޭފުޅުން ދެ ލީޑަރުންގެ ގޮތުގައި ތިއްބަވައިގެން މިހަރަކާތް ކުރިޔަށްގެންދަނީ،" ފަލާހް ވިދާޅުވިއެވެ.
ފަލާހް ވިދާޅުވީ ޕީއެންސީއަށް މެންބަރުން އިތުރުކުރަން ކުރި މަސައްކަތުން ފާއިތުވި ތިން ހަފުތާއެއް ތެރޭ 8000 އެއްހާ ފޯމު އެޕާޓީއަށް ލިބިފައިވާ ކަމަށެވެ.
"އެ އެއްޗެހި އަޅުގަނޑުމެން އިލެކްޝަނަށް ހުށައެއް ނާޅަން. ހުށަހަޅާނީ ހަރަކާތް ތަންކޮޅެއް ބޮޑަށް ހިންގާލާފައި. އަތޮޅުތަކުން ރައީސް މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތާއިދުކުރައްވާ. މިހާ ހަގު ޕާޓީއަކަށް ބަލާއިރު މިހާރުވެސް 28،000 މެންބަރުން އެބަތިބި. ހުށަނޭޅި 10،000 ފޯމު އެބަހުރި. ބޭނުންވަނީ ދެވަނަ ދައުރެއް ރައީސް މުއިއްޒުއަށް ކަށަވަރުކޮށްދިނުމަށް މަސައްކަތްކޮށްދިނުން،" ފަލާހް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު