ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ)، ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެގޮތަށް އެ ބަދަލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންނެވި ބަދަލެއް ކަމަށެވެ. ރައީސް އޮފީހުން ބުނީ އެ ބަދަލު ގެނެސްފައިވަނީ އިއްޔެ ކަމަށެވެ.

ލޭބާ ރިލޭޝަންސް، ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކުރީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމާ ގުޅޭގޮތުން ކެބިނެޓުން އެގޮތަށް ރައީސް މުއިއްޒަށް ލަފާ ދެއްވުމާ ގުޅިގެން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެކުރިން ލޭބާ ރިލޭޝަންސް ހިންގަމުން ދިޔައީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުންނެވެ.