ބީއެމްއެލްގެ އެޕް ޑައުންވެ ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މިއަދު ހެނދުނުއްސުރެ ބީއެމްއެލްގެ އެޕް މަސައްކަތެއް ނުކުރެއެވެ. ބައެއް ފަހަރު އެޕަށް ވަދެވުނަސް، ހުންނަނީ ފުސްގޮތަކަށެވެ. އެއްވެސް އެކައުންޓެއް ނުހުޅުވެއެވެ. ސޯޝިއަލް މީޑިއާގައި ޝަކުވާ ކުރާ ބައެއް މީހުން ބުނާގޮތުގައި، އޭޓީއެމްވެސް މަސައްކަތެއް ނުކުރެއެވެ.

"ކޭޝްލެސް ޚިދުމަތަށް ދާން އެންމެން މި ގޮވަނީ. މި ގޮތަށް ކަންކަން ވީމަ ކިހިނެއްތޯ އެކަން ކުރަނީ. ދަރިފުޅުގެ އިންޓަވަލް ގަންނަން ގޮސް ޓްރާންސްފާ ނުކުރެވިގެން އެނބުރި ދާން ޖެހުނީ ގެޔަށް. އެންމެ ފަހުން އެކުއްޖާ ސްކޫލަށް ގަޑި ޖެހިއްޖެ." ފޭސްބުކްގައި މީހަކު ލިޔެފައިވެއެވެ.

ބޭންކުން މީގެ އިރުކޮޅެއް ކުރީން ފޭސްބުކްގައި ބުނެފައިވާ ގޮތުގައި، ދިމާވެގެން އުޅެނީ ޓެކްނިކަލް މައްސަލަ އެކެވެ. މޯބައިލް އެޕާއި އިންޓަނެޓް ޚިދުމަތަށް ބުރޫ އަރާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. މައްސަލަ އަވަހަށް ހައްލުކުރާން މަސައްކަތްކުރާ ކަމަށާއި ކަސްޓަމަރުންނަށް ދިމާވާ ދަތިތަކަށް މައާފަށް އެދޭކަމަށްވެސް ބުނެފައިވެއެވެ.

ބީއެމްއެލް އިން މިދިޔަ ޖުލައި މަހުގެ މުސާރަ ޖަމާކުރިއިރު، "ބަލްކް ޓްރާންސްފާ"ގެ ތެރެއިން، އޮޅިގެން، އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ބައެއް މީހުންގެ އެކައުޓަށް ޖަމާކުރެވިފައިވެއެވެ. އެއީ ބޭންކުން އަލަށް ފެށި ޚިދުމަތެކެވެ. އެ ޚިދުމަތް ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށް ބޭންކުން ވަނީ ބުނެފައެވެ.

ވަގުތުން ވަގުތަށް ހިންގާން ޖެހޭ ފައިސާގެ މުއާމަލާތްތަކަށް ބީއެމްއެލްގެ އެޕަށް ގިނަ ބަޔަކު ބަރޯސާވާ އިރު، މި ޚިދުމަތް ނުލިބި ގިނަ އިރުތަކެއް ދިއުމުން، މާއްދީ ގެއްލުންތަކާއި ކުރިމަތިލާން ޖެހޭ ކަމުގެ ޝަކުވާވެސް ބައެއް ފަރާތްތަކުން ކޮށްފައިވެއެވެ.