އުމުރުން އެންމެ 13 އަހަރެވެ. އެހެން ހުރިހާ އެތުލީޓުންނަށްވުރެ ފިޒިކަލީވެސް ކުޑައެވެ. އެހެންނަމަވެސް، ރާޅު ތެރޭގައި ވިސްނުން ވަރަށް ފުޅައެވެ. އިއްޔެ ވިސިޓް މޯލްޑިވްސް ޕްރޯ 2024 އިން ފެނިގެން ދިޔަ އެންމެ ބޮޑު ހައިރާންކަމަކީ ޕޯޗުގަލްގެ ވިސެންޓޭ ކަމްޕޯސް އެވެ. ޖޫނިއާ ބައިގެ ވަރުގަދަ ހީޓްތަކެއްގައި އޭނާގެ ނަން ފަވާލެވުނެވެ. ޖެހިލުން ކުޑަ، ސްމާޓް އެތުލީޓެކެވެ. ރަނގަޅު ދަނޑިވަޅުގައި އަމިއްލައަށް ވިސްނައި، ކުއާޓާ ފައިނަލާ ހަމައަށްވެސް ދެމިގަތެވެ.

މީގެ ކުރިން ޔޫރަޕްގެ މުބާރާތްތަކުގައި ވާދަކުރަމުން އައިސް، ކަމްޕޯސް ވޯލްޑް ޓުއާ އިވެންޓަކަށް ފުރަތަމަވެސް މި ނުކުތީ ރާއްޖެއަށެވެ. މިއީ އޭނާ އެހެން ގައުމެއްގައި ވާދަކުރި ފުރަތަމަ ފަހަރުވެސް މެއެވެ. އެހެން ނަމަވެސް އެންމެ ފުރަތަމަ ފެނިލުމުން ފެށިގެންވެސް ކަމްޕޯސް ވަނީ އެތައް ބައެއްގެ ހިތް ދަމައިގެންފައެވެ. ކަޓައިގެން ދިއުމުންވެސް އެތައް ބަޔަކު އޭނާގެ ހިތްވަރަށް ތައުރީފު ކުރީ އެހެންވެގެންނެވެ.

ކަމްޕޯސް ދެވަނަ ބުރުގެ ހީޓްގެ ދެވަނަ ހޯދައިގެން ތިންވަނަ ބުރަށް ގޮސް، ދުނިޔޭގެ ޖޫނިއާ ރޭންކިންގެ ފަސްވަނައިގައި މިވަގުތު އޮތް ޕެރީގެ މިޝީލް ޔަންސީއާއި ވަރުގަދަ ފެޑެރިކޯ ކަސްޓެލޯ ބްރާންކޯ އަދި ހޫގޯ މެޑީނާގެ މައްޗަށް ކުރި ހޯދައި ހީޓް ކާމިޔާބުކުރިއެވެ. އެހިސާބުން ނިންމާލީކީ ނޫނެވެ. މިއަދުގެ ފަސްވަނަ ބުރުގައި އޭނާ ދެއްކި ހުނަރުން އެންމެން ހައިރާން ކޮށްލިއެވެ.

ހީޓް ނިމެން ފަސް ސިކުންތަށްވެފައި އޮއްވާވެސް އޭނާ އޮތީ ތިންވަނައިގައެވެ. ކަޓައިގެން ދާ ގޮތަށެވެ. އެ ހީޓުގައިވެސް މެޑީނާއާއި ޔަންސީ ވާދަކުރިއެވެ. މެޑީނާ 14 ޕޮއިންޓާއެކު ލީޑުގައި އޮތް އިރު، ޔަންސީ އޮތީ 10.95 ގެ ސްކޯއެއްގައެވެ. ޔަންސީ މޮޅުވި ކަމަށް އެއްކޮށް ނިންމައި، ފަސް ސިކުންތުވުމުން އެއްގަމަށް މިސްރާބު ޖެހި ހިސާބުން، މުޅި މަންޒަރު ކަމްޕޯސް ބަދަލުކޮށްލީ، 6.35 ގެ ރާޅެއް އަޅައި، ނަތީޖާ އަނބުރާލައިގެންނެވެ. ހީޓްގައި އެންމެ ގިނަ ރާޅާ އަޅައި، މަސައްކަތް ކުރީ އޭނާއެވެ. 11.55 ގެ ސްކޯއަކުން ކަމްޕޯސް ކުއާޓާއަށް ދިޔައެވެ.

އެ ކާމިޔާބީއާއެކު ކުއާޓާއަށް ނުކުމެވެސް ކަމްޕޯސް ހިތްވަރު ދެއްކިއެވެ. ހީތް ނިމުނު އިރު، ސްކޯ 11.75 އިން އެއްވަރުވުމުން މިކޭލޭ އަރިއަގަދާއަށް ސެމީއަށް ދެވުނީ 6.5 ގެ ސްކޯގެ ރާޅެއް އެޅިފައި އޮތުމުން، އެންމެ ބޮޑު ސްކޯއެއް އެއް ރާޅެއްގައި ކޮށްފައި އޮތީ އޭނާ ކަމަށްވާތީއެވެ. އެ ޖަޒުބާތުގައި ކަމްޕޯ ރޮއްވާލި ނަމަވެސް، އިރުކޮޅެއްފަހުން އޭނާ ފެނުނީ ވާދަވެރިޔާއަށް އިހުތިރާމުކޮށް ސަލާމްކޮށްލަން އެރިތަނެވެ.

ތަފާތު އެ ވިސްނުމާއެކު ކަމްޕޯގެ ފެނުންވީ ގިނަ ބަޔަކަށް ހިތްވަރަކަށް އަދި އުންމީދަކަށެވެ. ކަމްޕޯސްގެ ނަޒަރުގައި މިއީ އޭނާއަށް ކާމިޔާބު މުބާރާތެކެވެ.

"މިތަނުގެ ރާޅުތައް ރަނގަޅު. އަދި ރާއްޖޭގެ މޫދު ވަރަށް ހޫނު. އެހެންވެ އަހަންނަށް ފަސޭހަ. ޔޫރަޕްގެ މޫދު އާންމުކޮށް ފިނިކޮށް އޮންނަނީ. އެހެންވެ އަހަންނަށް މިއަދުގެ ނަތީޖާ ވަރަށް ރަނގަޅު. މި މުބާރާތުގައި ނެރެވުނު ނަތީޖާއާ މެދުވެސް ވަރަށް ހިތްހަމަ ޖެހޭ. އަހަރެން ވަރަށް އުފަލުން ރާއްޖޭގައި މިހުރީ،" ކަމްޕޯސް "ވަން ސްޕޯޓްސް"އަށް ބުންޏެވެ.

ކަމްޕޯސްގެ ބޮޑީބޯޑިން ފެށުމަކީ އޭނާގެ ބައްޕައެވެ. ބޮޑީބޯޑިންގެ ތަޖުރިބާކާރެވެ. ބައްޕަ ރޫއީ އަކީ ބޮޑީބޯޑިން ކުރިއެރުމަށް ހާއްސަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުން އަންނަ މީހެކެވެ. އޭނާގެ އެކަޑެމީން ޕޯޗުގަލްގައި މިހާރުވެސް ޒުވާން ތަރިން އުފައްދަމުން ދެއެވެ. މުޅި ހަޔާތް ބިނާވެފައި އޮތީ އެކަމަކަށެވެ.

"އަހަރެންގެ ދިރިއުޅުމަކީ ބޮޑީބޯޑިން. ކަމްޕޯސް ފުރަތަމަ މޫދަށް އެރުނީ ހައެއްކަ އަހަރުގެ ތެރޭގައި. އޭގެފަހުން އެތައް ވަގުތެއް އޭނާ ހޭދަކުރާނީ ހަމަ މޫދުގައި. ގާތްގަނޑަކަށް 10 ގަޑިއިރުވެސް އުޅެފާނެ ރާޅުގެ ތެރޭގައި. ދެން ޕޯޗުގަލްވީމަ ފިނި ބޮޑުވެ، ނަގަން ޖެހޭނީ. އަހަރެން ގަބޫލުކުރާ ގޮތުގައި ކަމްޕޯސްގެ މެންޓާލިޓީ ރަނގަޅު. އޭނާގެ މުސްތަގުބަލު ވަރަށްވެސް އުޖާލާ" ކަމްޕޯސްގެ ބައްޕަ ބުންޏެވެ.

ރޫއީގެ ނަޒަރުގައި އެންމެ ބޮޑު ދަތިކަމަކީ ފައިސާގެ ދަތިކަމެވެ. ހާއްސަކޮށް، ދަތުރުކުރުމަށް ބޭނުންވާ ފައިސާ ޓުއާތަކަށް ދާން ހޯދަން ޖެހުމަކީ އުނދަގޫ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރިއެވެ.

"އަހަރެމެންނަށް މި ޓުއާތަކަށް ދަތުރުކުރަން އޮތް އެންމެ ބޮޑު އުނދަގޫކަމަކީ ފައިސާގެ ދަތިކަން. މިއީ ވަރަށް އަގުބޮޑު ކަމެއް. އަހަރެމެންނަށް ސްޕޮންސާ ލިބޭނަމަވެސް، މި ހިސާބަށް އަންނަން އަމިއްލަ އަތުންވެސް ޚަރަދުތަކެއް ކުރަން ޖެހޭ. އެހެންވީމަ އެއީ ޗެލެންޖެއް. އުންމީދަކީ ގިނަ މީހުންނަށް ކަމްޕޯސްގެ ހުނަރުފެނި، މިކަމަށް އަދިވެސް އިތުރު ސްޕޮންސަރުންގެ އެއްބާރުލުން ދިނުން،" ރޫއީ ބުންޏެވެ.

ކަމްޕޯސްގެ މެންޓާލިޓީ ވަރަށް ތަފާތެވެ. ބަލިވާން އެންމެ ސިކުންތަކުވެސް އޭނާ ބޭނުމެއް ނުވާކަން އިއްޔެގެ ހީޓްތަކުން ފެނުނެވެ. ހާއްސަކޮށް، ސިކުންތު ކޮޅެއް އޮތަސް، އުންމީދު ކަނޑާ ނުލުމަކީ އޭނާގެ ފަރާތުން ފެނުނު ނަމޫނާ މަންޒަރެކެވެ. އެހެން ބޮޑީބޯޑަރުންނަށް މިސާލެއްވެސް މެއެވެ.