ސައުތް އޭޝިއަން އެސޯސިއޭޝަންސް ފޮ ރީޖަނަލް ކޯޕޮރޭޝަން (ސާކް)ގެ ކުރިއެރުމަށް ރާއްޖެއިން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެހެން ވިދާޅުވީ ރާއްޖެއަށް މިހާރު ވަޑައިގެން އުޅުއްވާ ސާކްގެ ސެކްރެޓަރީ ޖެނެރަލް ގޮލަމް ސަރްވާރް އާއެކު ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
ރައީސް އޮފީހުން ބުނީ، އެ ބައްދަލުވުމުގައި ސާކްގެ ފަރާތުން މެންބަރު ގައުމުތަކުގެ ކުރިއެރުމަށާއި ފައިދާއަށް ހިންގަވާ އެކިއެކި ޕްރޮގްރާމުތަކުގެ މައުލޫމާތު ސާކްގެ ސެކްރެޓަރީ ޖެނެރަލް، ރައީސްއާ ހިއްސާކުރެއްވި ކަމަށެވެ. އަދި ސަރަހައްދީ ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށްވެސް ބުންޏެވެ.
ރައީސް އޮފީހުން ބުނީ، އެ ބައްދަލުކުރެއްވުމުގައި ސާކްގެ ކުރިއެރުމަށް ރާއްޖެ އިން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމާއި ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން ގޮލަމް ސަރްވާރް ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތަށް ރައީސް ތައުރީފު ކުރެއްވި ކަމަށެވެ.
އަދި 1985 ވަނަ އަހަރު ސާކް އުފެދުނީއްސުރެ ރާއްޖެއަކީ އެ ޖަމިއްޔާގެ ކުރިއެރުމާއި ތަރައްގީއަށް ނުހަނު ހިދުމަތްތެރި މަސައްކަތްތަކެއް ކުރަމުން އަަންނަ ގައުމެއްކަން ސާކްގެ ސެކްރެޓަރީ ޖެނެރަލް ފާހަގަކުރެއްވި ކަމަށްވެސް ބުންޏެވެ.
ސާކް ރަސްމީކޮށް އުފެއްދުމަށް ސާކް ޗާޓަރުގައި ސޮއިކުރީ 8 ޑިސެމްބަރު 1985 ގައި ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައެވެ. ރާއްޖެއަކީ ސާކްގެ ފައުންޑިން މެންބަރު ގައުމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު