ބަންގުލަދޭޝްގެ ބޮޑުވަޒީރު ޝެއިހު ހަސީނާ އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ބަންގުލަދޭޝްގައި، އެ ގައުމުގައި ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަމުންދާ މީހުން މިއަދު ވަނީ ހަސީނާގެ ގަނޑުވަރު ކައިރިއަށް އެއްވާން ފަށައިފައެވެ. ބޮޑުވަޒީރު ކަމުން ހަސީނާ އިސްތިއުފާ ދެއްވީ މުޒާހަރާގެ ބައިވެރިން ގަނޑުވަރު ކައިރިއަށް ޖަމާވާން ފެށުމުންނެވެ. ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ހަސީނާ ވަނީ ގައުމު ދޫކުރައްވައި ވަޑައިގެންފައެވެ. ހަސީނާ، ހެލިކޮޕްޓަރެއްގައި ގައުމު ދޫކުރައްވައި ވަޑައިގަންނަވާ ވީޑިއޯއެއް ދަނީ ސޯޝަލް މީޑިއާގައި އާންމުވަމުންވެ.
ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަސީނާ ވަޑައިގެންނެވީ އިންޑިއާއަށް ނުވަތަ އިނގިރޭސިވިލާތަށެވެ.
ބަންގުލަދޭޝްގެ އާމީ ޗީފް ވަކާ އުޒް ޒަމާން ގައުމާ މުހާތަބުކުރައްވައި މިއަދު ވިދާޅުވީ ހަސީނާ ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވާފައިވާތީ، ވަގުތީ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ހަސީނާގެ ސަރުކާރާ ދެކޮޅަށް ބަންގުލަދޭޝްގައި މުޒާހަރާތަކެއް ކުރަން ފަށައިފައިވަނީ އެ ގައުމުގެ ސިވިލް ސާވިސްގެ ވަޒީފާއަށް މީހުން ނެގުމަށް ރިޒާވް ސިސްޓަމްތަކެއް ހަމަޖެއްސުމާ ގުޅިގެންނެވެ. އެ ސިސްޓަމްގައިވާ ގޮތުން އެ ގައުމުގެ މިނިވަންކަމަށް މަސައްކަތްކުރެއްވި ބޭފުޅުންގެ އާއިލާގެ މީހުންނަށް ވަޒީފާ ދޭނެއެވެ. އެކަމާ ދެކޮޅަށް ބަންގުލަދޭޝްގައި އެންމެ ފުރަތަމަ މުޒާހަރާކުރީ އެ ގައުމުގެ ދަރިވަރުންނެވެ.
އެ މުޒާހަރާތައް ހުއްޓުވުމަށް ބަންގުލަދޭޝްގެ ސަލާމަތީ ބާރުތަކުން ވަނީ ބާރުގެ ބޭނުން ވަރަށް ބޮޑަށް ކޮށްފައެވެ. އަދި ސަލާމަތީ ބާރުތަކުން ބަޑި ޖެހުމުގެ ސަބަބުން މުޒާހަރާކުރަމުންދިޔަ ބައެއް ދަރިވަރުން ވަނީ މަރުވެފައެވެ.
ބަޑީގެ ހަމަލާތަކުގައި ބަޔަކު މަރުވުމުން މުޒާހަރާތައް ވަނީ މެނދުކަނޑާލައިފައެވެ. ނަމަވެސް މި ހަފުތާގައި މުޒާހަރާތައް އަނެއްކާވެސް ފަށައި، ހަސީނާގެ އިސްތިއުފާއަށް ވަނީ ގޮވާލައިފައެވެ. މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސައި މުޒާހަރާތައް ރޫޅާލުމަށް ސަލާމަތީ ބާރުތަކުން ކުރި މަސައްކަތުގެ ތެރެއިން އިއްޔެ ވަނީ ގިނަ ބަޔަކު މަރުވެފައެވެ. އެއީ އެ މުޒާހަރާތައް ފެށިފަހުން އެންމެ ގިނަ ބަޔަކު މަރުވި ފަހަރެވެ.
ހަސީނާ މިއަދު އިސްތިއުފާ ދެއްވިއިރު މީޑިއާ ރިޕޯޓުތައް ބުނާގޮތުން ސިފައިން ވަނީ މުޒާހަރާގެ ބައިވެރިން ކޮންޓްރޯލްނުކޮށް، ގަނޑުވަރު ކައިރިއަށް އެއްވާން ދޫކޮށްލައިފައެވެ. ހަސީނާ އިސްތިއުފާ ދެއްވުމާއެކު މުޒާހަރާގެ ބައިވެރިން ސިފައިންނާއެކު ވަނީ އުފާފާޅުކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ