މިދިޔަ ހުކުރު ދުވަހުގެ ރޭ ހދ. ހަނިމާދޫގައި ހިންގި މާރާމާރީއަކީ އިންޓަނޭޝަނަލް އެއާޕޯޓުގެ ތެރޭގައި ހިންގި މާރާމާރީއެއް ނޫން ކަމަށާއި އެ މާރާމާރީގައި ބައިވެރިވެފައިވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މުވައްޒަފުންވެސް ނޫން ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) އިން ބުނެފިއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ އަށެއް ޖަހާކަންހާއިރު ހަނިމާދޫ އެއާޕޯޓުގެ އިންޑިއާގެ ދެ މުވައްޒަފެއްގެ ދެމެދު ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީއެއް ހިންގި ކަމަށް ބުނީ މީޑިއާތަކަށް ބުނީ ފުލުހުންނެވެ. ފުލުހުން ބުނި ގޮތުގައި އެ މާރާމާރީގައި އެކަކަށް އަނިޔާވެގެން ފަރުވާވެސް ދިނެވެ. އަދި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހާފައިވާ ކަމަށްވެސް ބުންޏެވެ.

މާރާމާރީ ހިންގާފައިވަނީ ހަނިމާދޫ އެއާޕޯޓުގެ މުވައްޒަފުން ކަމަށް ބުނެ ދައުރުކުރަމުންދާ ވާހަކަތަކާ ގުޅިގެން އާރްއޭސީއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ މާރާމާރީގައި ބައިވެރިވި ދެ މީހުންނަކީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއްވެސް ފްލައިޓް އޮޕަރޭޝަން ހަރަކާތެއްގައި ބައިވެރިވާ ބައެއް ނޫން ކަމަށެވެ.

އަދި އެ ކުންފުނީގެ ފަރާތުން އެއާޕޯޓުގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ އިސްކަމެއް ދެމުން އަންނަ ކަމަށާއި މާރާމާރީގެ ސަބަބުން އެއާޕޯޓުގެ ސަލާމަތަށް އެއްވެސް ހުރަހެއްް އެޅިފައިނުވާ ކަމަށްވެސް ބުންޏެވެ.