ނ. ހެނބަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ހެނބަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށް، އަންދާލީ މިދިޔަ ހުކުރު ދުވަހުގެ ދަންވަރެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ހެނބަދޫ ޕޮލިސް ޕޯސްޓުގައި މަސައްކަތްކުރާ ފުލުހުންނާއި އެ ފުލުހުންގެ އާއިލާތަކާއި މުދަލަށް ގެއްލުންދޭނެ ކަމަށް ބުނެ އިންޒާރުދީ އަދި ފުލުހެއްގެ ސައިކަލަށް ގެއްލުންދީ، އިތުރު ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލައިގައި ހައްޔަރުކުރީ 33 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ.

އެ މީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން މިއަދު ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުންގެ ތަރުޖަމާން، އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވި ގޮތުގައި ދެ ފުލުހެއްގެ ސައިކަލަށް ގެއްލުން ދިނީ ނޫނު އަތޮޅުގައި ފުލުހުން ހިންގަމުންދާ މަސްތުވާތަކެތީގެ އޮޕަރޭޝަނަކާ ދެކޮޅަށް އެކަމުގައި ތުހުމަތު ކުރެވޭ ބަޔަކު ކޮށްފައިވާ ކަމެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.