ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިންޓަނެޓް ބޭންކިން އާއި ފަވަރަ މެދުވެރިކޮށް މުސާރަ އާއި ބަލްކް ޓްރާންސްފާކުރުން މެދުކަނޑާލައިފިއެވެ.
ބީއެމްއެލުން މިއަދު އެގޮތަށް ނިންމާފައި މިވަނީ، މިދިޔަ ބުރާސްފަތި ދުވަހު އޮޅިގެން ލިލީ ބީޗް ރިސޯޓުގެ ބައެއް މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ބޮޑު އަދަދުތަކުން ފައިސާ ޖަމާކުރެވިފައި ވަނިކޮށެވެ.
ބީއެމްއެލުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އިންޓަނެޓް ބޭންކިން މެދުވެރިކޮށް މުސާރަ އަދި ފަވަރަ މެދުވެރިކޮށް ބޮޑެތި އަދަދުތަކުން ފައިސާދިނުން ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށެވެ. އަދި އެފަދަ މުއާމަލާތްތައް ދެން ކުރަން ޖެހޭނީ ކުރިން ވެސް އޮންނަ ގޮތަށް، އީމެއިލް މެދުވެރިކޮށް [email protected] އަށް ރިކުއެސްޓުކޮށްގެން ކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލަށް އޮޅިގެން ލިލީ ބީޗް ރިސޯޓުގެ ބައެއް މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ޖަމާކޮށްދެވިފައިވަނީ 77 ބިލިއަން ޑޮލަރެވެ. ނަމަވެސް އެކައުންޓުތަކަށް ފައިސާ ޖަމާވިތާ ގާތްގަނޑަކަށް ދިހަ ވަރަކަށް މިނެޓު ފަހުން ބީއެމްއެލުން ވަނީ އެ ބޭންކުގެ މޯބައިލް އެޕްލިކޭޝަން ޑައުންކޮށްފައެވެ.
ބީއެމްއެލަށް އޮޅިގެން ލިލީ ބީޗް ރިސޯޓުގެ ބައެއް މުވައްޒަފުންގެ އެކައުންޓަށް ޖަމާކުރެވުނު ފައިސާތައް ހަމަ އެ ދުވަހު ވަނީ އަނބުރާ ހޯދައިފައެވެ.
އެ ދުވަހު ބީއެމްއެލުން ބުނެފައިވަނީ ބައެއް މީހުންގެ އެކައުންޓުތަކަށް އޮޅިގެން ގިނަ އަދަދެއްގެ ފައިސާ ޖަމާކުރެވުނީ އެ ހިދުމަތުގެ ތެރެއިން މުވައްޒަފަކަށް ހެދުނު ގޯހަކުން ކަމަށާއި ބޭންކުގެ ހިދުމަތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކަމުގެ ޔަގީންކަން ކަސްޓަމަރުން ދޭ ކަމަށެވެ.
ޚަބަރު
ޚަބަރު