ހއ. އުލިގަމުގައި ޔޮޓް މެރީނާ ތަރައްގީ ކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އާއި އުލިގަމު ކައުންސިލްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އުލިގަމު ކައުންސިލުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ވަޖީހު އިބްރާހީމެވެ. އުލިގަމު ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް އަހުމަދު މުއާޒް މުހައްމަދެވެ.
އެމްޕީއެލް އިން ބުނީ، އެ އެއްބަސްވުމުގެ ދަށުން އުލިގަމުގައި ޔޮޓް މެރިނާއެއް ތަރައްގީކުރުމުގެ އިތުރުން، ޔޮޓްތަކަށް ބޭނުންވާ ހިދުމަތްތައް އުލިގަމުން ފޯރުކޮށްދޭން ބޭނުންވާ ވަސީލަތްތައް ގާއިމުކުރާނެ ކަމަށެވެ.
އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވީ އުލިގަމުގައި ޔޮޓް މެރީނާ ގާއިމުކުރުމުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށައި ހަ މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ފުރިހަމަކޮށް، ހިދުމަތް ފޯރުކޮށްދޭން ފެށޭނެ ކަމަށެވެ. އަދި މިހާރު ކޮންސެޕްޓްވެސް ހަދައި، އިންވެސްޓަރުންނާ މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް އެއީ ރާއްޖޭގައި މެރިޓައިމް ސެކްޓާ ވަރަށް ބޮޑަށް ފުޅާކުކުރުން. އުލިގަމަކީ ޒަމާނުންސުރެ، އާދަޔާ ހިލާފަށް ގިނަ ޔޮޓް ފަހަރު ޒިޔާރާތްކުރާ ރަށެއް. ރަށުގެ ރައްޔިތުންނާ ކައުންސިލުގެ ބޮޑު ކަންބޮޑުވުމެއް މި އުޅަނދު ފަހަރަށް ބޭނުންވާ ހިދުމަތްތައް މި ރަށުން ފޯރުނުކޮށްދެވޭތީ،" ވަޖީހު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިހަވަންދިއްޕޮޅުގައި ފެށުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ބަންކަރިން ސާވިސްއާއި މެރިޓައިމްގެ ހިދުމަތްތަކަށް ބޭނުންވާ އޮފީސްތައް ހެދުމުގެ މަސައްކަތްވެސް އެ ކުންފުނިން ކުރަމުން އަންނަ ކަމަށެވެ. އެ ހިދުމަތުންވެސް އިތުރު ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
"ޕޯޓް ފެސިލިޓީ ފެށުމަށް ކަސްޓަމްސް، އެމްއެންޑީއެފް، އިމިގްރޭޝަން އަދި ޕޯޓް ހެލްތަށް ބޭނުންވާ އޮފީސް ޖާގަ މި ފޯރުކޮށްދެނީ އެމްޕީއެލް އިން. މި މަހުގެ 10އަށް މި އޮފީސް ޖާގައިގެ މަސައްކަތްތައްވެސް ނިމި، މުވައްޒަފުން ނެގުމުގެ ކަންތައްތައް ކުރިއަށް ގެންދާނެ،" ވަޖީހު ވިދާޅުވިއެވެ.
އުލިގަމު ކައުންސިލްގެ ރައީސް މުޢާޒް ވިދާޅުވީ ޔޮޓް މެރީނާއެއް އުލިގަމުގައި ތަރައްގީކުރުމަކީ އެ ރަށު ރައްޔިތުންގެ ދުވަސްވީ ހުވަފެނެއ ކަމަށެވެ.
"މި ރަށަށް ރާއްޖޭން ބޭރުގެ އުޅަނދު ފަހަރު ނާންނަ ދުވަސްވަރެއް ހަނދާން ނުނެތޭ. ޔޮޓް ފަހަރަށް ހިދުމަތް ދެވޭނެ ގޮތެއް ހޯދުމަށް ވޭތުވެރިޔަ ސަރުކާރުތަކާ ވާހަކަދައްކައިގެން މަސައްކަތް ކުރެވުނު. ވޭތުވެދިޔަ ސަރުކާރުތަކުގައި ޔޮޓް މެރީނާއެއް ނެތިގެން ފާޅުކުރި ކަންބޮޑުވުންތަކަށް އިޖާބައެއް ނުދެއްވާ. މި ރަށަށް މި ފުރުސަތު ފަހިކޮށްދެވިކަމަށްޓަކައި ރައީސް މުއިއްޒާއި އެމްޕީއެލްއަށް ޝުކުރު އަދާކުރަން،" މުއާޒް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު