ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު ކަމަށްވާ މުރައިދޫގޭގެ ހަރަދަށް އަންނަ 2025 ވަނަ އަހަރަށް 4.5 މިލިއަން ރުފިޔާ ހިމަަނަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހުށަހަޅައިފިއެވެ.

މަޖިލިސް އިދާރާއިން އެކަން މަޖިލީހުގެ އާއްމު ކޮމިޓީއަށް ހުށަހަޅާފައިވަނީ، އަންނަ އަހަރަށް ރައްޔިތުންގެ މަޖިލީހަށް ބޭނުންވާ ބަޖެޓުގައި ހިމަނައިގެންނެވެ.

އިއްޔެ އޮތް އާއްމު ކޮމިޓީގެ ބައްދަލުވުމަށް ބަޖެޓު ހުށަހަޅަމުން މަޖިލީހުގެ އިދާރާއިން ބުނީ، މިދިޔަ އަހަރުގެ ކުރީކޮޅު މަޖިލިސް ރައީސްގެ ރަސްމީ ގެކޮޅަށް ހަރަދުކުރި ނަމަވެސް، އެންމެ ފަހުން މަޖިލީހުގެ ރައީސްކަމުގެ މަގާމުުގައި ހުންނެވި މިދިޔަ 19 ވަނަ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް، އެ ގެއަށް ދިރިއުޅުއްވުން ބަދަލުކުރައްވާފައި ނުވާތީ މިދިޔަ އަހަރުގެ ފަހުކޮޅު އެ ގެކޮޅަށް އެއްވެސް ހަރަދެއް ކުރަން ޖެހިފައިނުވާ ކަމަށެވެ.

އަންނަ އަހަރަށް މަޖިލިސް ރައީސްގެ ރަސްމީ ގެކޮޅަށް 4.5 މިލިއަން ރުފިޔާ ހުށަހަޅާފައިވަނީ، އެގޭގެ މުވައްޒަފުންގެ ހަރަދުވެސް ހިމަނައިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު ކަމަށްވާ މުރައިދޫގެއަށް، މިހާރުގެ މަޖިލިސް ރައީސް އަބްދުއްރަހީމް އަބުދުﷲ ބަދަލުވެވަޑައިގެންނެވުމަށްޓަކައި، އެމަނިކުފާނު އެދިވަޑައިގެންނެވި ގޮތަށް އެ ގެކޮޅުގެ ބައެއް މަގާމުތަކަށް ޖުލައި 24 ބޭއްވި އާއްމު ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ބަދަލު ގެނެސްފައެވެ.

ކޮމިޓީގެ އެ ދުވަހުގެ ބައްދަލުވުން ފައްޓަވަމުން ކޮމިޓީގެ މުގައްރިރު ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ، މަޖިލިސް ރައީސްގެ ރަސްމީ ގެކޮޅުގެ މަރާމާތު ނިމިފައިވާ އިރު، އެ ގެކޮޅަށް މުވައްޒަފުން ހަމަޖެއްސުމުގެ ކުރިން އެ ގެކޮޅުގެ ބައެއް މަގާމުތަކަށް ބަދަލު ގެންނެވުމަށް މަޖިލިސް ރައީސް ބޭނުންފުޅުވާ ކަމަށް އަންގައި، މަޖިލިސް އިދާރާއިން އެ ކޮމިޓީއަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.

އެ ސިޓީގައި ބައެއް މަގާމުތަކަށް ބަދަލު ގެނެސްދެއްވުމަށް އެދި އެމަނިކުފާނު ކޮމިޓީއަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން އެ ސިޓީގައި، ގެކޮޅުގެ އެއް މަގާމުގެ ނަން ބަދަލުކޮށް ހަތަރު މަގާމެއް އުވާލައްވައި، އެ މަގާމުތަކުގެ ބަދަލުގައި ހަތަރު މަގާމެއް އުފެއްދުމުގެ ހުއްދައަށް އެދި ކޮމިޓީއަށް ފޮނުއްވާފައިވާ ކަމަށްވެސް މުގައްރިރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެކަމުގެ ތަފްސީލުތައް ސިޓީގައި ހިމެނޭ ކަމަށެވެ. ނަމަވެސް އެ ތަފްސީލުތަކެއް އޭނާ ވިދާޅެއް ނުވިއެވެ.

މަޖިލިސް ރައީސް އެދިވަޑައިގެން، މަޖިލީހުގެ އިދާރާއިން ކޮމިޓީއަށް ހުށަހެޅި ބަދަލުތައް ފާސްކުރުމަށް، އެ ކޮމިޓީ ބައްދަލުވުމުގައި ހުށަހެޅުއްވީ އިސްދޫ ދާއިރާގެ މެންބަރު އިސްމާއީލް ޝަފީއުއެވެ. ތާއީދު ކުރެއްވީ އަލިފުށީ ދާއިރާގެ މެންބަރު އަބްދުއްލަތީފް އަބްދުއްރަހުމާނެވެ.

ކޮމިޓީގައި ތިއްބެވި އަށް މެންބަރުން ވޯޓު ދެއްވައިގެން އެ ބަދަލުތައް ގެންނަން ފާސްކުރިއެވެ.

މުރައިދޫ ގެއަކީ ހައެއް މެއި 2021 ގައި އޭރު ހުންނެވި މަޖިލިސް ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމެއް ގޮއްވާލައިގެން ދިން ހަމަލާއަށްފަހު ސަލާމަތީ ގޮތުން ބަލަން ޖެހޭ ކަންކަމާ ގުޅިގެން މަޖިލީހުގެ ރައީސުން ދިރިއުޅުއްވުމަށް ދައުލަތުން ހާއްސަ ކުރި ގެއެކެވެ.

ނަޝީދު މުރައިދޫ ގޭގައި ދިރިއުޅުއްވި ނަމަވެސް، އޭގެ ފަހުން ހުންނެވި މަޖިލިސް ރައީސް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެ ގެއަށް ވަޑައެއްނުގަންނަވައެވެ.