މަގުބައްތިތައް ރަނގަޅުކުރަން ރަށްރަށުގެ ކައުންސިލުތަކަށް އިތުރު ވަގުތު ބޭނުންވާތީ މަގުބައްތި ރަނގަޅުކުރަން ދިން މުއްދަތު އަނެއްކާވެސް އިތުރުކޮށްދިނުމަށް ފެނަކަ ކޯޕަރޭޝަނާއެކު މަޝްވަރާކުރައްވާނެ ކަމަށް ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަގުބައްތިތަކުގައި އީއެލްސީބީ ހަރުކުރުމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.

"އެކަން ކުރުމަށް ކައުންސިލްތަކަށް އިތުރު ވަގުތު ބޭނުންވޭ. މިކަމާ ގުޅިގެން މިދަނީ ފެނަކައާ މަޝްވަރާކުރަމުން. އަދި މިކަމުގައި ހުރި ގޮންޖެހުންތައް ޔޫއާރްއޭއާ މަޝްވަރާކުރާނަން،" އާދަމް ޝަރީފު ވިދާޅުވިއެވެ.

ރ. އުނގޫފާރުގައި މަގުބައްތިއެއް ކައިރީގައި އޮތް ފެންގަނޑަކަށް އެރި އުޅުނު ކުއްޖަކު ކަރަންޓުގައި ޖެހުމުން، އެ ކުއްޖާ ސަލާމަތްކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހި ހާލު ސީރިއަސްވެ ފަރުވާ ދެމުންދަނިކޮށް ވަނީ 18 އަހަރުގެ ޒުވާނަކު މަރުވެފައެވެ. މަރުވީ އެ ރަށުގެ 18 އަހަރުގެ ހުސެއިން އަތީކެވެ. އޭނާ މަރުވީ މިިދިޔަ ޖޫން މަހުގެ އަށްވަނަ ދުވަހުގައެވެ. އެ މައްސަލައާ ގުޅިގެން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރްއޭ) އިން ވަނީ ފެނަކަ، 50،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

އެ ހާދިސާއާ ގުޅިގެން ރަށްރަށުގައި ހުރި މަގުބައްތިތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް، ރަނގަޅުކުރުމަށް ފެނަކަ އިން، ކައުންސިލްތަކަށް ދިން މުއްދަތު މިއަދަށް ވަނީ ހަމަވެފައެވެ. ފެނަކަ އިން ވަނީ ދެ ފަހަރެއްގެ މަތިން އެ މުއްދަތު އިތުރުކޮށްދީފައެވެ.

އެ ކުންފުނިން މީގެ ކުރިން ބުނެފައިވަނީ އެ މުއްދަތުގައި ރަނގަޅު ނުކޮށް ހުރި މަގުބައްތިތަކަށް މާދަމާއިން ފެށިގެން ކަރަންޓު ދޫނުކުރާނެ ކަމަށެވެ.