ކުރިއަށް އޮތް 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހަށް 206 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާ ކަމަށް ހުށަހަޅައިފިއެވެ.

އެހެން މުއައްސަސާތަކާ ހިލާފަށް މަޖިލީހުގެ ބަޖެޓް ފާސްކުރަން ޖެހެނީ މަޖިލީހުގެ އާއްމު ކޮމިޓީއަށް ހުށަހަޅައިގެންނެވެ. އެކަން އޮންނަނީ އާއްމު ކޮމިޓީން ފާސްކުރުމަށްފަހު ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅައިގެން ފާސްކުރާއިރު ދައުލަތުގެ ބަޖެޓުގައި ހިމަނާ ގޮތަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އާއްމު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހުށަހެޅި ބަޖެޓުގައި ކެޕިޓަލް ހަރަދަަށް ވަނީ 2.4 މިލިއަން ރުފިޔާ ހިމަނައިފައެވެ. ނިއު ޕޮލިސީ އިނީޝިއޭޓިވްގެ ދަށުން 5.2 މިލިއަން ހިމެނޭ އިރު، އޭގެ ތެރޭގައި 10 އަހަރު ދުވަސް ވެފައިވާ މަޖިލިސް އިދާރާގެ ކެމެރާ ސިސްޓަމް ޒަމާނީކުރަން އެއް މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

ބަޖެޓުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅުގެ ހަރަދަށް 4.5 މިލިއަން ރުފިޔާ ހިމަނާފައިވާ އިރު، އާ އިމާރާތުގައި ފަޔާ ސިސްޓަމް ގާއިމު ކުރުމަށާއި، މަޖިލިސް އިދާރާގެ ފާހާނާތަކާއި ޓެރަސްއާއި އެކި ތަންތަނުގެ މަރާމާތަށްވެސް ވަނީ ފައިސާ ހިމަނައިފައެވެ.

ނަމަވެސް އަންނަ އަހަރުގެ ބަޖެޓުގައި އެއްވެސް މުވައްޒަފެއްްގެ މުސާރަ ބޮޑުކުރަން ނުވަތަ އިތުރު މުވައްޒަފެއް ނެގުމަށް ހިމަނާފައެއް ނުވެއެވެ.

މަޖިލިސް އިދާރާއިން ބުނީ، އަންނަ އަހަރަށް ބޭނުންވެގެން 206 މިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވީ ނަމަވެސް، އެކަމަށް ފިނޭންސް މިނިސްޓްރީން ދީފައިވަނީ 180 މިލިއަން ރުފިޔާއާ ހަމަައަށް އޮތް ސީލިންއެއް ކަމަށެވެ. ނަމަވެސް އެއީ މިހާރު މަޖިލީހުގައި ކުރަމުންދާ ހަރަދު ބެލެހެއްޓޭނެ ވަރުވާނެ އަދަދެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.

އާއްމު ކޮމިޓީއަށް މިއަދު ބަޖެޓް ހުށަހެޅި ނަމަވެސް ފާސްކޮށްދީފައެއް ނުވެއެވެ.

ކޮމިޓީން ނިންމީ މަޖިލީހުގެ ބަޖެޓާ ބެހޭގޮތުން ފިނޭންސް މިނިސްޓްރީއާ މަޝްވަރާކުރުމަށްފަހު ގޮތެއް ނިންމުމަށެވެ.