މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ސާފު ފައިދާގެ ގޮތުގައި 448 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ބީއެމްއެލް އިން އާންމުކޮށްފައިވާ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި އެ މުއްދަތުގެ ގޮތުގައި އެ ބޭންކަށް ހިންގުމުގެ ފައިދާ ގޮތުގައި 698 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އެއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު ތިން ޕަސެންޓުގެ އިތުރު އަދަދެކެވެ.

ބީއެމްއެލްގެ މާލީ ހިސާބުތަކުގައި ބުނެފައިވާ ގޮތުން، ދެވަނަ ކުއާޓަރުގައި އެ ބޭންކުން ވަނީ 1.9 ބިލިއަން ރުފިޔާގެ އާ ލޯނު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދޫކޮށްފަ އެވެ. އަދި ދެވަނަ ކުއާޓަރު ނިމުނުއިރު ޖުމުލަ އެސެޓުތައް 44.9 ބިލިއަން ރުފިޔާގައި ހުރި އިރު، ކަސްޓަމަރުން ބޭންކުގައި ރައްކާކޮށްފައި ހުރި ފައިސާގެ އަދަދަކީ 29.5 ބިލިއަން ރުފިޔާއެވެ.

ބީއެމްއެލްއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ދެ ވަނަ ކުއާޓަރުގައި ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުން ވެސް ކުރިއެރުން ލިބުނު ކަމަށެވެ. އަދި ބޭންކުގެ ރައުސްމާލު ގާނޫނުން ލާޒިމުކުރާ މިންވަރަށްވުރެ މަތީގައި ހިފެހެއްޓިފައިވާ ކަމަށްވެސް ބުންޏެވެ.

އޭގެ އިތުރުން އިންފްލޭޝަނާ ގުޅިގެން ޕްރެޝަރުތަކެއް ކުރިމަތިވި ނަމަވެސް، ހިންގުމުގެ ހަރަދު ހިފެހެއްޓިފައިވާ ކަމަށްވެސް ބީއެމްއެލް އިން ބުންޏެވެ.