އީރާނުގެ އިންތިހާބީ ރައީސް ޑރ. މަސްއޫދު ޕެޒެޝްކިއާން މަގާމުގެ ހުވާ ކުރެއްވުމަށް ބާއްވަވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު އެ ގައުމަށް ވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ނައިބު ރައީސް، އީރާނަށް ވަޑައިގެންނެވި މިއަދުގެ ވަގުތެއްގައެވެ.
ނައިބު ރައީސް، އީރާނަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވީ އީރާނުގެ އިސްލާމިކް ކޮންސަލްޓޭޓިވް އެސެމްބްލީގެ ޑެޕިއުޓީ ސްޕީކަރު އަލާއުއްދިން ބުރޫޖަރްދީ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
އީރާންގެ އާ ރައީސް މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 17 މެއި 2016 ގައި ރާއްޖެއާއި އީރާންއާ ދެމެދު އޮތް ސިޔާސީ ގުޅުން ކަނޑާލިއެވެ. އެ ގުޅުން ކަނޑާލީ ސަރުކާރުން އޭރު ބުނި ގޮތުގައި އަރަބި ގަލްފު ސަރަހައްދުގެ ހަމަޖެހުމާއި ސުލްހައަށް އީރާނުން ހުރަސް އަޅަމުންދާތީއެވެ.
ރާއްޖެ އިން އިރާނާއެކު އަލުން ސިޔާސީ ގުޅުން ގާއިމުކުރީ ސައުދީން އިރާންއާ ގުޅުން ރަނގަޅުވެ ސައުދީން އަލުން އިރާނާއެކު ސިޔާސީ ގުޅުން ގާއިމުކުރުމުންނެވެ. އެއީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 10 މާޗު 2023ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު