ރާއްޖޭގެ އުތުރާއި ދެކުނުގައި ހިމެނޭ ކުދި ރަށްރަށުގެ ސިއްހީ ހިދުމަތް ރަނގަޅުކުރަން ކުވޭތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކުވޭތް ފަންޑް) އިން 3،000،000 ކުވައިތީ ދީނާރު (150 މިލިއަން ދިވެހި ރުފިޔާ)ގެ ލޯނެއް ދޭން ނިންމައި، އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
"ސްމޯލް އައިލޭންޑްސް ހޮސްޕިޓަލް ޕްރޮޖެކްޓް"ގެ ނަމުގައި ހިންގާ އެ މަޝްރޫއުއަށް ދޭ އެ ލޯން އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ކުވޭތް ފަންޑާ ދެމެދު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގެވެ. ކުވޭތު ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ އެކްޓިން ޑިރެކްޓަރު ޖެނެރަލް، ވަލީދު އަލް ބަހަރްއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، މި މަޝްރޫއުގެ މަގުސަދަކީ ރާއްޖޭގެ އުތުރާއި ދެކުނުގައި ހިމެނޭ ކުދި ރަށްރަށުގައި ބޭނުންވާ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމާއި އެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުން ކަމަށެވެ.
އަދި މަޝްރޫއުގެ ސަބަބުން ހިދުމަތް ލިބޭ ރަށްރަށުގެ މެދުގައި ސިއހީ ހިދުމަތް ހޯދުމަށް ދަތުރުފަތުރު ކުރުމުގެ ހަރަދު ކުޑަވެ، ރަށްރަށުގެ އާބާދީއަށާއި ފަތުރުވެރިންނަށް ސިއްހީ ހިދުމަތް ލާމަރުކަޒީ އުސޫލުން ފޯރުކޮށްދީ، ދެވަނަ ފަންތީގެ ސިއްހީ ފަރުވާ އެންމެ އެކަށީގެންވާ ވަގުތުގައި ލިބިގެންދިއުމަކީވެސް އެ މަޝްރޫއުގެ މަގުސަދެއް ކަމަށް ބުންޏެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ހޮސްޕިޓަލްތައް ތަރައްގީކުރުމުގެ ތެރޭގައި އިމާރާތްކުރުމުގެ މަސައްކަތްތަކާއި ހޮސްޕިޓަލް އިމާރާތްތަކާއި ހިދުމަތުގެ އިލެކްޓްރޯ ޓެކްނިކަލް މަސައްކަތްތަކާއި ސިއްހީ އާލާތްތަކާއި ފަރުނީޗަރު ފޯރުކޮށްދިނުމާއި ކުރެހުންތަކާއި ބީލަން ލިޔެކިޔުންތައް ތައްޔާރުކުރުމާއި އިމާރާތްކުރުމުގެ މަސައްކަތް ބެލެހެއްޓުމަށް ބޭނުންވާ އިންޖިނިއަރިން ހިދުމަތް އަދި މަޝްރޫއު ތަންފީޒުކުރާ ޔުނިޓު ހިމެނޭއެވެ.
ޚަބަރު
ޚަބަރު
ޚަބަރު