ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ފަސް ޕަސެންޓަށްވުރެ އިންޓަރެސްޓް ރޭޓް ބޮޑު ނުވާ ގޮތަށް ދޫކުރަން ނިންމާފައިވާ ގެދޮރުވެރިކަމުގެ ލޯނުތައް އަންނަ އޮކްޓޯބަރު މަހު ދޫކުރަން ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މިނިވަންދުވަސް ފާހަގަކުރުމަށް ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ދިރިއުޅޭ ކޮންމެ ރައްޔިތަކަށްވެސް ނެގޭ ގޮތަށް ދޫކުރާ އެ ލޯނުތައް ދޫކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއްހެން މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން އެ ލޯނުތައް ދޫކުރާނީ ތިން ގިންތިއަކަށް ކަމަށްވެސް ވިދާޅުވިއެވެ.

އެއީ މާލެ ސިޓީގައި ގެދޮރު ހަދަން ހަ މިލިއަން ރުފިޔާ، އާބަން ސެންޓަރުތަކުގައި ގެދޮރު ހަދަން ތިން މިލިއަން ރުފިޔާ އަދި އެހެން ރަށްރަށުގައި ގެދޮރު ހަދަން އެއް މިލިއަން ރުފިޔާ ކަމަށާއި އެ ލޯނުތައް މެދުވެރިކޮށް ގެދޮރު އަލަށް އިމާރާތްކުރުމަށާއި މަރާމާތުކުރުމަށާއި އަދި ހަދަން ފަށައި ނުނިމި ހުރި ބައި ނިންމުންފަދަ ކަންކަން ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ރަސްމާލެ މަޝްރޫއުގެ މަސައްކަތްވެސް އަލުން ފަށާފައިވާއިރު ޗައިނާގެ އެކިކަހަލަ ލުއި ލޯނުތަކުގެ އެހީގައި މި ދައުރުގެ ތެރޭގައި ރަސްމާލޭގައި އެކަނިވެސް އެކި ކަހަލަ 30،000 ހައުސިން ޔުނިޓް އިމާރާތް ކުރައްވާނެ ކަމަށެވެ.