ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ކ. ފުށިދިއްގަރުފަޅު ތަރައްގީކުރުމުގެ މަޝްރޫއާ ގުޅޭ ގޮތުން އޭރުގެ ފިނޭންސް މިނިސްޓަރު އަދި ފަހުން ނައިބު ރައީސަކަށް ހުންނެވި އަބްދުﷲ ޖިހާދުގެ މައްޗަށް އުފުލި ކޮރަޕްޝަން މައްސަލައިގެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.

މައްސަލައިގެ ތަހުގީގީ މަރުހަލާފައި ގޯސްތަކެއް ހިމެނޭކަން ފާހަގަކުރައްވައި، ކްރިމިނަލް ކޯޓުގައި އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު، އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމެވި ނިންމެވުމުގައި އެކަމާބެހޭ ތަފުސީލުތައް ވަނީ ހިމަނުއްވައިފައެވެ.

އެގޮތުން އެންމެ ބޮޑަށް ގާޒީ ފާހަގަކުރެއްވީ ޝަރީއަތުގެ ކުރިން ޖިހާދުގެ ފަރާތުން ހުށަހެޅުއްވި ހުށަހެޅުއްވުމެކެވެ. އެއީ އެ މައްސަލައިގައި ކޮރަޕްޝަންގެ އަމަލެއް ނުހިމެނޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ނިންމާފައި ވަނިކޮށް، ބަންޑާރަ ނައިބުގެ ސިޓީއަކާ ގުޅިގެން ކުރީ ސަރުކާރުގެ އެސެޓް ރިކަވަރީ ކޮމިޝަަނުން އެ މައްސަލަ އަލުން ބަލަން ނިންމި ސަބަބު ޖިހާދަށް އަންގާފައިނުވާ ކަމަށް ބުނެ ހުށަހަޅާފައިވާ ހުށަހެޅުމެކެވެ.

އެކަމާ ގުޅުވައި ގާޒީގެ ނިންމެވުމުގައި ވަނީ، ކޮންމެ މުއައްސަސާއަކުން ޖިނާއީ މައްސަލައެއް ތަހުގީގުކުރިޔަސް އެ މީހާގެ މައްޗަށް ކުރެވޭ ތުހުމަތަކީ ކޮބައިކަން އަންގައި ގާނޫނީ އިންޒާރު ދޭން ޖެހޭނެ ކަމަށެވެ. ނޫން ނަމަ، މައްސަލަ ތަހުގީގުކޮށްފައި ވަނީ އިންސާފުވެރިކަމާ އެކު، އަދި ލިބިދޭންޖެހޭ ހައްގުތަކަށް ރައްކާތެރި ކުރެވިގެން ކަމާމެދު ސުވާލު އުފެދި، މައްސަލައަށް އެކަމުގެ އަސަރުކުރާނެ ކަމަށްވެސްް ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން މިދިޔަ ސަރުކާރުގެ އެސެޓް ރިކަވަރީ ކޮމިޝަނުން އެ މައްސަލަ ބެލީ، އޭގެ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ބަލައި، ނިންމާފައި ވަނިކޮށް ކަމަށްވާއިރު، ހަމަ އެ މައްސަލަ އަލުން ބެލި ސަބަބެއް ބުނެދެވިފައިނުވާ ކަމަށްވެސް ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވެއެވެ.

އަދި މައްސަލައިގެ ތަހުގީގުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަހަށް ބަލާފައިވާއިރު، އޭނާއަކީ ޝައްކުގެ މަހައްލުގައި ހުރި މީހެއް ކަމަށްވާއިރު، އޭނާގެ ބަހުގެ ތެދުކަން ކަށަވަރު ކުރަން މަސައްކަތް ކޮށްފައިނުވާ ކަމަށްވެސް އެ ނިންމުމުގައިވެއެވެ.

ގާޒީ ވިދާޅުވެފައި ވަނީ އެކަންތައްތަކަށް ބައްލައި އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމެވީ ކަމަށެވެ.

އެ މައްސަލައިގައި ޖިހާދުގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ، ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ދައުވާއެވެ.

ޕީޖީ އޮފީހުން އޭރު ބުނީ، ފުށިދިއްގަރު ސްޕެޝަލް ޓޫރިސްޓު ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ސަރުކާރުގެ 50 ޕަސެންޓު ހިއްސާވާ ގޮތަށް ޖޮއިންޓު ވެންޗާ އެއްބަސްވުމެއް ހެދުމަށް ނޮވެމްބަރު 29، 2011 ގައި ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އެ ނިންމުމުގައި އޮތީ އެ މަޝްރޫއަށް ސަރުކާރުން އެއްވެސް ފައިސާއެއް ހަރަދުކުރަން ނުޖެހޭ ގޮތަށާއި އެ މަޝްރޫއުގެ ބިމު ކުލި ދައުލަތަށް ލިބެން ޖެހޭނެ ކަމަށެވެ.

ނަމަވެސް ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ޖިހާދު އެ ރަށުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ ކަނޑައެޅިގެން ހިލާފަށް ކަމަށް ޕީޖީ އޮފީހުން އޭރު ބުންޏެވެ.

އެ އޮފީހުން އޭރު ބުނީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ ހިލާފުވާން ޖެހޭ ސަބަބެއް ނެތި ޖިހާދު، ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު ސޮއިކުރެއްވީ 50 ޕަސެންޓުގެ ބަދަލުގައި ދިވެހި ދައުލަތުގެ 25 ޕަސެންޓު ހިއްސާ އޮންނަ ގޮތަށް ޖޮއިންޓު ވެންޗާ ކުންފުންޏެއް ހެދުމަށް ކަމަށެވެ.

"އަބްދުﷲ ޖިހާދުގެ މި އަމަލުގެ ސަބަބުން ރައްޔިތުންނާއި ދައުލަތަށް ލިބެން އޮތް ފައިދާ އިން، ހަމައެކަނި ބިމު ކުލީގެ ގޮތުގައި ވެސް 604،713،750 ޑޮލަރު އުނިވެފައިވެ އެވެ. މީގެ އިތުރުން ދައުލަތުގެ 50 ޕަސެންޓު ހިއްސާގެ ބަދަލުގައި 25 ޕަސެންޓަށް ހިއްސާ ބަދަލުވުމުން، ކުންފުނީގެ ވިޔަފާރި ފައިދާ އިން ލިބޭނެ ގެއްލުން ވެސް އޮންނާނެ އެވެ،" ޕީޖީން ކުރިން ބުނެފައިވެ އެވެ.

ވަޒީރުންގެ މަޖިލީހުން ނިންމެވި ގޮތުންނަމަ، ބިމު ކުލިން 50 އަހަރުގެ ތެރޭގައި 411،720،000 ޑޮލަރު އަދި ޕްރައިމް ލޮކޭޝަން ޗާޖު، 50 އަހަރުގެ ތެރޭގައި 192،993،750 ޑޮލަރު ލިބޭނެ އެވެ. ނަމަވެސް ޖިހާދު އަމަލު ކުރެއްވި ގޮތުން އެ ފައިދާ ނުލިބި ދައުލަތަށް ބޮޑު ގެއްލުމެއް ވަނީ ލިބިފައެވެ.