ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު ކަމަށްވާ މުރައިދޫގެއަށް، މިހާރުގެ މަޖިލިސް ރައީސް އަބްދުއްރަހީމް އަބުދުﷲ ބަދަލުވެވަޑައިގެންނެވުމަށްޓަކައި، އެމަނިކުފާނު އެދިވަޑައިގެންނެވި ގޮތަށް އެ ގެކޮޅުގެ ބައެއް މަގާމުތަކަށް ބަދަލު ގެނެސްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އޮތީ އެކަމަށް ގޮތެއް ކަނޑައެޅުމެވެ.
ކޮމިޓީ ބައްދަލުވުން ފައްޓަވަމުން ކޮމިޓީގެ މުގައްރިރު ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ، މަޖިލިސް ރައީސްގެ ރަސްމީ ގެކޮޅުގެ މަރާމާތު ނިމިފައިވާ އިރު، އެ ގެކޮޅަށް މުވައްޒަފުން ހަމަޖެއްސުމުގެ ކުރިން އެ ގެކޮޅުގެ ބައެއް މަގާމުތަކަށް ބަދަލު ގެންނެވުމަށް މަޖިލިސް ރައީސް ބޭނުންފުޅުވާ ކަމަށް އަންގައި، މަޖިލިސް އިދާރާއިން އެ ކޮމިޓީއަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.
އެ ސިޓީގައި ބައެއް މަގާމުތަކަށް ބަދަލު ގެނެސްދެއްވުމަށް އެދި އެމަނިކުފާނު ކޮމިޓީއަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ.
އެގޮތުން އެސިޓީގައި، ގެކޮޅުގެ އެއް މަގާމުގެ ނަން ބަދަލުކޮށް ހަތަރު މަގާމެއް އުވާލައްވައި އެ މަގާމުތަކުގެ ބަދަލުގައި ހަތަރު މަގާމެއް އުފެއްދުމުގެ ހުއްދައަށް އެދި ކޮމިޓީއަށް ފޮނުއްވާފައިވާ ކަމަށްވެސް މުގައްރިރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެކަމުގެ ތަފްސީލްތައް ސިޓީގައި ހިމެނޭ ކަމަށެވެ. ނަމަވެސް އެ ތަފްސީލްތަކެއް އޭނާ ވިދާޅެއް ނުވިއެވެ.
މަޖިލިސް ރައީސް އެދިވަޑައިގެން، މަޖިލީހުގެ އިދާރާއިން ކޮމިޓީއަށް ހުށަހެޅި ބަދަލުތައް ފާސްކުރުމަށް، ހުށަހެޅުއްވީ އިސްދޫ ދާއިރާގެ މެންބަރު އިސްމާއީލް ޝަފީއުއެވެ. ތާއީދު ކުރެއްވީ އަލިފުށީ ދާއިރާގެ މެންބަރު އަބްދުއްލަތީފް އަބްދުއްރަހްމާނެވެ.
ކޮމިޓީގެ ތިއްބެވި އަށް މެންބަރުން ވޯޓު ދެއްވައިގެން އެ ބަދަލު ގެންނަން ފާސްކުރިއެވެ.
މުރައިދޫ ގެއަކީ ހައެއް މެއި 2021 ގައި އޭރު ހުންނެވި މަޖިލިސް ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމެއް ގޮއްވާލައިގެން ދިން ހަމަލާއަށް ފަހު ސަލާމަތީ ގޮތުން ބަލަން ޖެހޭ ކަންކަމާ ގުޅިގެން މަޖިލީހުގެ ރައީސުން ދިރިއުޅުއްވުމަށް ދައުލަތުން ހާއްސަ ކުރި ގެއެކެވެ.
ނަޝީދު މުރައިދޫ ގޭގައި ދިރިއުޅުއްވި ނަމަވެސް އޭގެ ފަހުން ހުންނެވި މަޖިލިސް ރައީސް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެ ގެއަށް ވަޑައެއްނުގަންނަވައެވެ.
ޚަބަރު
ޚަބަރު
ޚަބަރު