އޭޑީކޭގައި މަސައްކަތް ކުރައްވާ، ރާއްޖޭގެ ފުރަތަމަ ނިޔުރޯސާޖަން ޑރ. އަލީ ނިޔާފް އެ ހޮސްޕިޓަލުން ވަކިވެވަޑައިގެންފިއެވެ.

ނިޔާފް އޭޑީކޭ އިން ވަކިވެވަޑައިގެންފައި މިވަނީ ނުވަ އަހަރާއި ދިހަ މަސް ވަންދެން އޭޑީކޭއަށް ހިދުމަތް ކުރެއްވުމަށްފަހުއެވެ. އެކަމަށްޓަކައި އެ ހޮސްޕިޓަލުގެ މެނޭޖުމެންޓާއި މުވައްޒަފުންގެ ފަރާތުން ނިޔާފަށް ވަނީ ޝުކުރު އަދާކޮށް، ހެޔޮ އެދުންތައް ފޮނުވައިފައެވެ.

އޭޑީކޭ ހޮސްޕިޓަލުން ސޯޝަލް މީޑިއާގައި މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ނިޔާފު އޭޑީކޭ ހޮސްޕިޓަލަށް ކޮށްދެއްވި އަގުހުރި ހިދުމަތްތަކަށް ހިތުގެ ފުންމިނުން ޝުކުރު އަދާކުރާ ކަމަށާއި އެ ހޮސްޕިޓަލުގެ ނިޔުރޯ ސާޖަރީ ޑިޕާޓުމެންޓުގެ ކުރިއެރުމުގައި ނިޔާފުގެ މިންނެތް މަސައްކަތް މުހިންމު ކަމަށެވެ.

އެހެންވެ، އެ ޑިޕާޓްމަންޓާއި އޭޑީކޭގެ އާއިލާގައި ވެސް ނިޔާފަށް ހާއްސަ މަގާމެއް އޮންނާނެކަން ފާހަގަކޮށް، އޭނާގެ ކުރިއެރުމަށް ވަނީ މަރުހަބާ ކިޔައިފައެވެ.

ނިޔާފު އޭޑީކޭ އިން ވަކިވެވަޑައިގެންފައިވަނީ އައިޖީއެމްއެޗުގައި މަސައްކަތް ކުރެއްވުމަށެވެ. އެކަން ކަށަވަރު ކޮށްދެއްވީ ނިޔާފުގެ ބޭބެ އަދި އޭޑީކޭގެ ކުޑަކުދިންގެ ޑޮކްޓަރު ޑރ. އަބްދުﷲ ނިޔާފެވެ.

އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނިޔުރޯސާޖަން ނިޔާފާ އެކު އައިޖީއެމްއެޗުގެ ނިޔުރޯސާޖަރީ ޑިޕާޓުމެންޓަށް ފާގަތިކަމާއި ކުރިއެރުން އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ނިޔާފް އައިޖީއެމްއެޗުގައި ބައްލަވަން ފައްޓަވާނެ ދުވަހެއް އަދި ނޭނގެއެވެ.