ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލް ދެމިއޮތުމަކީ އައިރުގާނޫނީ ކަމެއްކަމަށް ނިންމުމާއެކު ވީހާވެސް އަވަހަށް އެބިންތަކުން ފައިބައި އިޒްރޭލުގެ އިސްތިއުމާރީ ވެރިކަން ނިމުމަކަށް ގެނައުމަށް ދުނިޔޭގެ އެންމެ މަތީ ބައިނަލްއަގުވާމީ ކޯޓުކަމަށްވާ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް، އައިސީޖޭއިން ހުކުރުދުވަހު ވަނީ ގޮވާލައިފައެވެ. އައިސީޖޭގެ ފަނަރަ ފަނޑިޔާރުންގެ އެޑްވައިޒަރީ އޮޕީނިއަން ނުވަތަ އިސްތިޝާރީ ރައުޔު ދުނިޔެއަށް އިއްވަވައި ދެއްވީ އެ ކޯޓުގެ ރައީސް ނަވާފް ސަލާމެވެ. އޭނާއަކީ އަރަބި ގައުމެއްކަމަށްވާ ލުބުނާނުގެ ބޭފުޅެކެވެ. އައިސީޖޭގެ ރިޔާސަތާ ހަވާލުވެވަޑައިގެންނެވީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލް ދެމިއޮތުމަކީ އައިރުގާނޫނީ ހަރަކާތެއް ކަމަށް އައިސީޖޭން ނިންމާފައިވަނީ ވަރަށް ގިނަ ކަންކަމަށް ރިއާޔަތް ކޮށްފައެވެ. ވަރަށް ގިނަ ނުގުތާތަކާމެދު ވަރަށް ގިނަދުވަހު ވިސްނައި ދިރާސާތަކެއް ކުރުމަށްފަހުގައެވެ. މިދެންނެވި ނުގުތާތަކުގެ މައްޗަށް ކުރުގޮތަކަށް ބަލައިލަމާބަހީއެވެ.

ހުޅަނގު އައްސޭރިޔާއި އިރުމަތީ ގުދުސްގައި ޔަހޫދީ އާބާދީތައް ހަދައި ފުޅާކުރުމާއި އެ ބިންތަކުގެ ގުދުރަތީ ވަސީލަތްތަކުގެ ބޭނުން ހިފުމާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެ އެ ބިންތައް ދާއިމީގޮތެއްގައި ޔަހޫދީ ކުރުމާއި ފަލަސްތީނުގެ ރައްޔިތުންނާމެދު ތަފާތުކުރުމުގެ ސިޔާސަތެއް ތަންފީޒުކުރުމަކީ ބޮޑުވެގެންވާ ގޯހެއްކަމަށް ބުނެފައިވެއެވެ. އައިސީޖޭގެ އިސްތިޝާރީ ރައުޔުގައި ބުނެފައިވަނީ މިއެންމެހައި ކަންކަމަކީވެސް މުޅިން އައިރުގާނޫނީ ކަންތަކެއް ކަމުގައެވެ. ބައިނަލްއަގުވާމީ ގާނޫނުތައް މުގުރައިލުމެއް ކަމުގައެވެ. ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގެ މައްޗަށް ސިޔާދަތީ އެއްވެސް ހައްގެއް އިޒްރޭލަށް ލިބިފައިނުވާ ކަމަށާއި ގަދަބާރުން ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ގެދޮރާއި ދަނޑުބިންތަކުން ނެރެ ފައްސައިލުމަކީ ބޮޑުވެގެންވާ ޖަރީމާއެއް ކަމަށާއި ފަލަސްތީނުގެ ރައްޔިތުންގެ އަމިއްލަ ކުރިމަގާމެދު ގޮތްނިންމުމަށް އެމީހުންނަށް ލިބިފައިވާ ހައްގަށް ހުރަސްއެޅުމަކީވެސް އިޒްރޭލުގެ ޖަރީމާއެއް ކަމަށް ބުނެފައިވެއެވެ.

މި ޖަރީމާތަކަށް ވާގިވެރިވެވޭޒާތުގެ އެންމެހައި ކަންކަމުން ދުރުހެލިވެގެން ތިބުމަށް ދުނިޔޭގެ އެހެނިހެން ގައުމުތަކަށް އައިސީޖޭން ގޮވާލާފައިވެއެވެ. އައިސީޖޭގެ އިސްތިޝާރީ ރައުޔު އެކުލެވިގެންވަނީ 80 ސަފުހާގެ މައްޗަށެވެ. މި ލަފަޔަކީ ނުވަތަ ރައުޔަކީ އދ. ގެ އާއްމު މަޖިލީހުން 2022 ވަނަ އަހަރު އެދިފައިވާ އެދުމަކަށް އައިސީޖޭން ނެރުނު ރައުޔެކެވެ. ކުރިންވެސް ބަޔާންކުރެވުނު ފަދައިން އައިސީޖޭއަކީ ދުނިޔޭގެ އެންމެމަތީ ކޯޓެވެ. އދ.ގެ ފަނޑިޔާރުގެއެވެ. ދައުލަތްތަކުގެ މެދުގައި އުފެދޭ މައްސަލަތަކުގައި ނިޔާއިއްވާ ކޯޓެވެ. ކުރުގޮތަކަށް ދަންނަވަންޏާ އެއީ ދުނިޔޭގެ ކޯޓެވެ. ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގެ ގާނޫނީ ހައިސިއްޔަތާމެދު އެންމެފަހުން ދުނިޔޭގެ ކޯޓުން އެވަނީ ރައުޔެެއް ނެރެފައެވެ. އެ ރައުޔަކީ އެންމެންވެސް ރިއާޔަތްކުރަންޖެހޭ ރައުޔެކެވެ. އެހެންނަމަވެސް މިއީ އެއަށް އަމަލުކުރުން މަޖުބޫރު ހުކުމެއް ނޫނެވެ. ހަމައެކަނި އިސްތިޝާރީ ލަފައެއް ނުވަތަ ރައުޔަކަށްވާތީއެވެ.

މި ރައުޔުގެ ކުރިންވެސް އދ. އާއި އަދި ދުނިޔޭގެ ގިނަ އަދަދެއްގެ ގައުމުތަކުން ބަލަމުން އައީ ފަލަސްތީނުގެ ބިންތަކަކީ އިޒްރޭލުން ގަދަކަމުން ހިފައި ވެރިވެގެންފައިވާ ބިންތަކެއް ކަމުގައެވެ. ހުޅަނގު އައްސޭރިޔާއި އިރުމަތީ ގުދުސާއި ގޯލާނުގެ އުސްބިންތަކާއި ގާޒާއަކީ 1967 ގެ ހަނގުރާމައިގައި އިޒްރޭލުން ފޭރިގެންފައިވާ ބިންބިމެވެ. އޭގެފަހުން މި ބިންތަކުގައި އިޒްރޭލުން ވަނީ ޔަހޫދީ އެތަކެއް އާބާދީ ހަދައި އެތަންތަން ޔަހޫދީކޮށްފައެވެ. ގާޒާގައިވެސް 2005 ވަނަ އަހަރާ ހަމައަށް މިސަކަރާތެއް ޖެހިއެވެ. އެކަމަކު އެތަނުން ފޭބުމުގެ ކުރިން މިދެންނެވި އާބާދީތައް ވަނީ ރޫޅާލައިފައެވެ. ކޮންމެއަކަސް މިދެންނެވި ބިންތަކަކީ ފަލަސްތީނުގެ ދައުލަތެއް ގާއިމްކުރާއިރު އެދައުލަތުގެ ސަރަހައްދުކަމުގައި ވާންޖެހޭ ތަންތަނެވެ. ފަލަސްތީނުގެ ރައްޔިތުންގެ މިލްކެވެ. އައިސީޖޭގެ ރައުޔުން މިކަންވަނީ އިތުރަށް ސާފުވެގެން ގޮސްފައެވެ. އެކަމަކު މި ރައުޔުގައި ގޯލާނުގެ އުސްބިންތަކުގެ ވާހަކައެއް ނެތެވެ. އެއީ ސީރިޔާގެ ބިމަކަށްވާތީއެވެ. ފަލަސްތީނާގުޅޭ މައްސަލައަކަށް ނުވާތީއެވެ.

އައިސީޖޭގެ މި ރައުޔާމެދު ފަލަސްތީނުން ބުނަނީ ކީކޭބާވަައެވެ. ފަލަސްތީނުގެ ޚާރިޖީވަޒީރު ރިޔާޒު މާލިކީ ވިދާޅުވިއެވެ. މިއީ ތާރީޚީ ނިންމުމެކެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ. އައިސީޖޭ ވަނީ އެމީހުންގެ ގާނޫނީ ޒިންމާ އަދާކޮށްފައެވެ. ދެންއޮތީ ދުނިޔޭގެ ގައުމުތަކުގެ ޒިންމާ އަދާކުރުމެވެ. އެކަމަށް ފަސްނުޖެހޭނެކަމަށް އުންމީދުކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގެ މަގުގައި ކުރިއަށް އެޅިގެންދިޔައީ މުހިއްމު ފިޔަވަޅެއް ކަމަށާއި ފަލަސްތީނުގެ ބިންތައް އިސްތިއުމާރުކޮށްގެން އިޒްރޭލް އޮންނަ އޮތުމަށް ވާގިވެރިވުން ހުއްޓައިލުމުގެ ވަގުތު މިއޮތީ އައިސްފައި ކަމަށްވެސް ރިޔާޒު މާލިކީ ވިދާޅުވިއެވެ. އައިސީޖޭގެ މި ރައުޔާމެދު އިޒްރޭލުން ބުނަނީ ކީކޭބާވައެވެ. އިޒްރޭލުގެ ޚާރިޖިއްޔާއިން ބުންޏެވެ. އުފެދުމުގައިވެސް ބާތިލް ނިންމުމެކެވެ. ވަކިއަތަކަށް ޖެހިފައިވާ ނިންމުމެކެވެ. ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. މުޅިންވެސް ދޮގުގެ މައްޗަށް ބުނާކޮށްފައިވާ ރައުޔެކެވެ.

ނަތަންޔާހޫގެ އޮފީހުން ބުންޏެވެ. އެއްގޮތަކަށްވެސް ކަމަކުނުދެއެވެ. ގަބޫލެއް ނުކުރާނަމެވެ. ޔަހޫދީންގެ އަމިއްލަ ބިމެއްގައި އެމީހުން ތިބޭތިބުމަކީ އިސްތިއުމާރަކަށްވާންޖެހޭ އެއްވެސް ހުއްޖަތެެއް އެއްވެސް ބަޔަކަށް ނުދެއްކޭނެ ކަމަށްވެސް ބުނެފައިވެއެވެ. އިޒްރޭލުގެ ބަސްމަގު މިގޮތަށް ހުރިކަމަށްވިޔަސް އަދި އައިސީޖޭގެ ރައުޔަކީ އަމަލުކުރުން ލާޒިމު އެއްޗަކަށް ނުވިޔަސް މި ރައުޔަށް އިހުތިރާމް ނުކޮށް ދޫކޮށްލަން ދުނިޔޭގެ ގައުމުތަކަށް ފަސޭހައެއް ނުވާނެއެވެ. އެކަން ޔަގީނެވެ. ދުނިޔޭގެ ގާނޫނީ ނިޒާމުގެ ތެރެއިން ެެއެއޮތީ ގޮތް ނިންމައިފައެވެ. ދެންހެވޭ، ހަގީގަތަކީ މިޔޭ، ތިޔަކަމުގައި ބަލަންޖެހޭ ގާނޫނީ ކަންކަމަކީ މިޔޭ އެއޮތީ ބުނެފައެވެ. އެހެންވީމާ އެމެރިކާޔާއި ޔޫރަޕަށްވެސް ދެންއޮތީ ބަސްމަގު ބަދަލުކުރުމެވެ. އިޒްރޭލުގެ ދެމިއޮތުމޭ ސިޔާދަތޭ ބުނާފަދައިން ފަލަސްތީނެއްވެސް އޮންނަން އެބަޖެހޭކަމާއި ފަލަސްތީނުގެ ސަރަހައްދުތަކަކީ ކޮބައިކަން ގަބޫލުކުރަންޖެހޭތަން މިއޮތީ އައިސްފައެވެ.