"ނާރެސް ޕޯޓަލް" އާއި "އޮޕަރޭޝަން ކުރަނގި" ފޭސް ދޭއް އިފުތިތާހު ކޮށްފިއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި "ނާރެސް ޕޯޓަލް" އާއި "އޮޕަރޭޝަން ކުރަނގި" ފޭސް ދޭއް އިފުތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

ނާރެސްޕޯޓަލަކީ އެ ޕޯޓަލް މެދުވެރިކޮށް އައިޑީކާޑު ހެދުމާއި އައިޑީކާޑު އެޕްލިކޭޝަންގެ ސްޓޭޓަސް ބެލުމާއި އަދި މާލެއެކޭ އެއްގޮތަށް ރަށްރަށުގެ ކައުންސިލުތަކުން ވެސް އައިޑީކާޑު ދޫކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ޕޯޓަލެކެވެ.

ރަސްމިއްޔާތުގައި ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޔޫސުފް އަބްދުލްގަފޫރު ވިދާޅުވީ ނާރެސްގެ ސަބަބުން، އައިޑީ ކާޑު ހެދުމަށް ކައުންސިލްތަކާއި ޑީއެންއާރާ ގުޅުން ބަދަހިވެގެން ދާނެ ކަމަށެވެ. އަދި އައިޑީ ކާޑުތައް ހެދުމަށް ކައުންސިލްތަކުން ސީދާ ޑީއެންއާރުގެ ޕޯޓަލަށް ހުށަހެޅޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ކައުންސިލުން އައިޑީ ކާޑު ހެދުމަށް ހުށަހަޅާ އެޕްލިކޭޝަންގެ އަޕްޑޭޓްތައް މި ޕޯޓަލް މެދުވެރިކޮށް ބެލޭނެ ކަމަށެވެ. އަދި 10 އިނގިލީގެ ނިޝާން އެއްފަހަރާ ނެގޭނެ މެޝިންތަކެއް ކައުންސިލްތަކާ މިއަދު ހަވާލު ކުރާނެ ކަމަށްވެސް ޔޫސުފް އަބްދުލްގަފޫރު ވިދާޅުވިއެވެ.

"އޮޕަރޭޝަން ކުރަނގި" ފޭސް ދެއަކީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް ފިންގްޕްރިންޓް ނެގުމުގެ ކަންކަން ސީދާ ލޯކަލް ކައުންސިލްތަކަށް ކުރެވޭނެ އިންތިޒާމް ހަމަޖައްސައި އިފްތިތާހުކޮށްފައިވާ ޕޯޓަލްއެކެވެ.

ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ކުރަނގި އޮޕަރޭޝަނުގެ ދެވަނަ ފިޔަވަހި ފެށިގެންދާއިރު ކައުންސުލިތަކުން ރަށްރަށުގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގަޕްރިންޓް ނަގާނެ ކަމަށެވެ. އަދި ކުރަނގި އޮޕަރޭޝަނުގެ ސަބަބުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ކަށަވަރުކޮށް، އެ ފަރާތްތައް ދެނެގަނެ އަދި އެމީހުންނާ ދޭތެރޭ އަޅަން ޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކުރަނގި ފޭސް އެކެއްގައި ކުރި މަސައްކަތަކީ ސިޔާސަތުތައް އެކުލަވައިލުމާއި ބައެއް ރަށްރަށުގައި އެކަން އޮތް ހާލަތު ދެނެގަނެ އެޕްލިކޭޝަން ޑިވެލޮޕްކުރުމެވެ. ފޭސް ދޭއްގައި ކުރާނެ ކަމަކީ އެޕްލިކޭޝަންތަކުގެ އެކްސެސް ކައުންސިލްތަކަށް ދިނުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ އެޕްލިކޭޝަން މެދުވެރިކޮށް، ކައުންސިލަރުންނަށް ޝައްކުވާ ބިދޭސީއެއްގެ ފޮޓޯ ނެގުމުން، އެ ބިދޭސީ މީހާގެ ނަމާއި ހުރިހާ ހުރިހާ ވަނަވަރެއް ކައުންސިލްތަކަށް އެނގިގެންދާނެ ކަމަށެވެ. އެއީ ކޮން ކުންފުންޏަކުން އެތެރެވި މީހެއް ކަމަށާއި އެންމެ ފަހުން ވިސާ އާ ކުރީ ކޮން ތާރީހެއްގައި ކަން ފަދަ މުހިންމު މައުލޫމާތުތައް ވެސް އެ އެޕްލިކޭޝަން މެދުވެރިކޮށް ބެލޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހުއްޓުވުމުގައި ކައުންސިލްތަކަށް ބާރުވެރިކަން ދިނުމުން އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ފުރަތަމަ ބައި ނިމުނީ ކަމަށެވެ. އަދި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން އައިޑެންޓިފައި ކުރަން ސަރުކާރުން ކަނޑައަޅާފައި ވަނީ ތިން އަހަރު ކަމަށާއި ދެވަނަ އަހަރާއި ތިން ވަނަ އަހަރު ކުރާނެ ކަމަކީ އައިޑެންޓިފައި ކުރެވޭ މީހުން ގާނޫނީ އިމުގެ ތެރެއަށް ފެއްތުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.