މަތީ ތައުލީމުގެ ދާއިރާ އިން ކިޔެވުމަށް ރާއްޖެ އިން ބޭރަށްދާ ދަރިވަރުން ފަރުޟު ފަސް ނަމާދު ކުރުމަށާއި މައިންބަފައިންނާއި ބެލެނިވެރިން ކޮށްދެއްވި ހިދުމަތްތަކުގެ މަތިން ހަނދާންކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ދަރިވަރުންނަށް ނަސޭހަތްތެރި ވެވަޑައިގެންފިއެވެ.

މިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނުން މަތީ ވަނަތައް ހޯދި ދަރިވަރުންގެ ތެރެއިން ރައީސްގެ ހާއްސަ ސްކޮލަޝިޕާއި ހަޔާ އެޗީވާސް ސްކޮލަޝިޕް ހާސިލުކުރި ކުރި ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ރާއްޖެއިން ބޭރަށް ކިޔަވަން ދިޔަނަމަވެސް އެ ކުއްޖަކީ މުސްލިމެއްކަން އަބަދުވެސް ވިސްނުމުގައި ބަހައްޓަންވާނެ ކަމަށެވެ. އަދި އެކަން ހަނދާނުގައި ބަހައްޓައިގެން ކުރިއަށްދާނަމަ، ހުރިހާ ކަމެއް ދާނީ ރަނގަޅަށް ކަމަށް ވިދާޅުވިއެވެ.

"ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށް ކޮންމެ ތަނަކު ކޮންމެ ގައުމަކު ހުއްޓަސް ކޮންމެ ކުއްޖަކުވެސް އަބަދުވެސް ހަނދާން ބަހައްޓަން ޖެހޭނެ. އިސްކަންދޭން ޖެހޭނެ. ބޭރު ގައުމެއްގައި ކިޔަވަން ހުންނައިރު ތިޔަ ކުދީންނަށް ކިޔެވުމުގައި އަދި މުޅި ދިރިއުޅުމުގައި އެންމެ އެހީތެރިކަން ދިން މައިންބަފައިންނާ ބެލެނިވެރިން މަތިން އަބަދުވެސް ހަނދާންކުރަން ޖެހޭނެ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ކިޔެވުމުގެ މަރުހަލާގައި ކުރިއަށްދާއިރު ދިރިއުޅުމުގައާއި ކިޔެވުމުގައިވެސް ކާމިޔާބީއާއި ނާކާމިޔާބީއާ ކުރިމަތިލާން ޖެހޭނެކަން ހަނދާންކުރަންޖެހޭނެ ކަމަށެވެ. ނާކާމިޔާބުވާއިރު އާ އަޒުމެއްގައި އަލުން ހިތްވަރާއެކު މަސައްކަތް ފަށައިގަންނަން ޖެހޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ގޯސްކޮށްވެސް ކަން ކުރެވޭނެ. އެއީ ކަންކުރަން ނުކުމެ އުޅޭތީ. އެއީ ދެރައެއް ނޫން. އެއީ ތަޖުރިބާއެއް. ކަންކުރަން ހިތްވަރާއެކު ނުކުތުން، އަމަލީ ގޮތުން މަސައްކަތްތަކުގައި ހިދުމަތުގައި އުޅުން އެންމެ މުހިންމު ކަމަކީ. އެއީ ހަގީގީ ދިރިއުޅުމަކީ، ހަގީގީ ކާމިޔާބީއަކީ،" ރައީސް ވިދާޅުވިއެވެ.